ދުނިޔެ
ޗައިނާގެ ޔުއާން 17 އަހަރުގެ ތެރޭގައި ނުވެއްޓޭހާ ދަށް އަގަކަށް ވެއްޓިއްޖެ

ޗައިނާ ޔުއާން ފޮޓޯ:އިންޓަނެޓް
ޗައިނާގެ ފައިސާ ކަމުގައިވާ ޔުއާންގެ އަގު 17 އަހަރުގެ ތެރޭގައި ނުވެއްޓޭހާ ދަށް އަގަކަށް ވެއްޓިއްޖެއެވެ. މިއީ އެމެރިކާއާއި ޗައިނާގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ބެލެވެއެވެ.
ބުދަ ދުވަހު ޗައިނާގެ ޔުއާން ވަނީ 7.3498 ޑޮލަރަށް ވެއްޓިފައެވެ. މިއީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް އެންމެ ދަށް އަގެވެ. މި ވެއްޓުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ މުދަލަށް 104 އިންސައްތައިގެ ޓެކްސް ނެގުމަށް ނިންމުމާ ގުޅިގެން އައި ބަދަލެކެވެ.
މި ހާލަތާ ގުޅިގެން ޗައިނާގެ އިސް ވެރިން ވަނީ އިޤްތިޞާދު ކުރިއެރުވުމަށާއި ކެޕިޓަލް މާކެޓް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. އަދި ޗައިނާގެ މަރުކަޒީ ބޭންކުން ވަނީ ޔުއާންގެ އަގު ބޮޑުތަނުން ވެއްޓުނަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
އިޤްތިޞާދީ މާހިރުންގެ ލަފާގައި، މި ޓެރިފްތަކުގެ ސަބަބުން ޗައިނާއިން އެމެރިކާއަށް ކުރާ އެކްސްޕޯޓް ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށްވެދާނެ ކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ޗައިނާގެ ޖީޑީޕީ 1 އިންސައްތައިން 1.5 އިންސައްތައަށް ދަށްވެދާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ޗައިނާގެ މަރުކަޒީ ބޭންކުން ވަނީ ޔުއާންގެ އަގު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ބޭންކުތަކަށް ޑޮލަރު ގަތުން މަދުކުރުމަށް އަންގާފައެވެ. އަދި ބުދަ ދުވަހުގެ ހެނދުނު ސަރުކާރުގެ ބޭންކުތަކުން ވަނީ ޑޮލަރު ވިއްކަން ފަށާފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޗައިނާއިން ޓެރިފްގެ އަސަރު ކުޑަކުރުމަށް ޔުއާންގެ އަގު ދަށްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އިޤްތިޞާދީ މާހިރުން ބުނާ ގޮތުގައި ޔުއާންގެ އަގު ބޮޑުތަނުން ދަށްވުމަކީ ޗައިނާގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.