ޚަބަރު
ރައީސް މުޢިއްޒުގެ ލިވަޕޫލް ދަތުރުފުޅަށް ޚަރަދުވީ 153،689.92 ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލިވަރަޕޫލްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮޓޯ:ރައީސް އޮފީސް
ލިވަޕޫލް ފުޓްބޯލް ކްލަބާއި އެމްއެމްޕީއާރުސީ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދު ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 153،689.92 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު ބައްލަވާލައްވާފައެވެ. އެ މެޗުގައި އެމްއެމްޕީއާރްސީ އާއި ލިވަޕޫލް ގުޅިގެން ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހް ކުރެވުނެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ފުޓުބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރިންނަށް ފުރުޞަތުތައް ފަހިކޮށްދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ. އަދި ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ ޔުނިވާސިޓީ އޮފް ލީޑްސް އަށްވެސް ޒިޔާރަތްކުރައްވައި، ރާއްޖެއާއި އެ ޔުނިވާސިޓީއާ ދެމެދު ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ތަޢުލީމީ އަދި ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.