ޚަބަރު
އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގުރައިދޫއަށް ކުރެއްވި ދަތުރުފުޅު ފޮޓޯ:ރައީސް އޮފީސް
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެމަނިކުފާނުގެ ދަތުރުފުޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. އަދި އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރޯދައަށް މެދުކަނޑާލީ. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން. ރާއްޖޭން ބޭރުގެ ދަތުރުތައްވެސް ހުންނާނެ. އެހެންވެ މިހާރު އަޅުގަނޑުގެ ޕްލޭނަކީ އޯގަސްޓް މަހުގެތެރޭ ކޮންމެވެސް ހިސާބެއްގައި ހުރިހާ ރަށަކަށް ގޮސް ނިންމޭތޯ
ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވީ އޯގަސްޓް މަހުގެ ނިޔަލަށް ދަތުރުތައް ނިންމަވާލެއްވުމަށް މިހާރު ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި އެންމެ އަވަހަށް ދަތުރު ފަށްޓަވާނީ މ. މުލިން ކަމަށާއި، އެދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއަރޕޯޓް ހުޅުއްވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުތައް ކުރިއަށްދިޔަ ނަމަވެސް ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.