ޚަބަރު
ލޯނުގެ ދަަށުން ކިޔަވާ ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަޖެހޭ މައްސަލަ ހައްލުކޮށްދޭނަން :ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ޕޮޑްކާސްޓް
ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ވިދާޅުވެފައިވަނީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވިގޮތުގައި، ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޢާންމު ބޭންކު ރޭޓުގައި ޑޮލަރު ނުލިބުމެވެ. މިކަމުގެ ސަބަބުން ދަރިވަރުން ބްލެކް މާކެޓުން ޑޮލަރު ހޯދަން ޖެހުމުން، އެ ކުދިންގެ ލޯނު ފައިސާއިން ބޮޑު އަދަދެއް ގެއްލޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މިހާރު އެވަނީ ވަކި އަދަދަކަށް ޑޮލަރުން އާމްދަނީ ލިބޭނަމަ ޓޫރިޒަމް ސިނާޢަތުގެ ބޭފުޅުން ޑޮލަރު މާރުކުރުމަށް އަންގާފައި. އަދި ބްލެކު މާކެޓުން ކުންފުނިތަކުން ޑޮލަރު ގަތުން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން މިދަނީ. މި މަސައްކަތްތަކާއެކު ކިޔަވާ ކުދިންނަށްވެސް ޑޮލަރު ހަމަ އަގުގައި ލިބޭނެ
ރައީސް މުޢިއްޒު
މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލީ ވަޒީރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ގުޅިގެން މަޝްވަރާތަކެއް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޓޫރިޒަމް ސިނާޢަތުގެ ބޭފުޅުންނަށް ވަކި އަދަދަކަށް ޑޮލަރުން އާމްދަނީ ލިބޭނަމަ ޑޮލަރު މާރުކުރުމަށް އަންގާފައިވާކަމަށާއި، ބްލެކް މާކެޓުން ކުންފުނިތަކުން ޑޮލަރު ގަތުން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރާނީ ރާއްޖޭގެ މާކެޓަށް ގެއްލުން ނުވާނެ ގޮތަށްކަމަށެވެ. އަދި އެ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށާއި، އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިހާރު ލޯނު ނަގައިގެން 1650 އެއްހާ ކުދިން އެކި ޤައުމުތަކުގައި ދަނީ މަތީ ތަޢުލީމު ޙާސިލުކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ބައްދަލުކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވައި، އެ ދަރިވަރުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވައި އެކަންކަމަށް ދަނީ ހައްލު ހޯދައިދެއްވަމުންނެވެ.