ޚަބަރު
ސްކޫލު ހަފްލާތަކުގެ ޝަރަފުވެރި މެހެމާނުން ކަނޑައެޅުމަށް އައު އުސޫލެއް އެކުލަވާލައިފި

ކަލާފާނު ސްކޫލްގެ ދަސްވެނިވުން ފޮޓޯ: ވުޒާރާ
ތަޢުލީމީ ވުޒާރާއިން ސްކޫލުތަކުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުތައް ޝަރަފްވެރިކުރުމަށް ހަމަޖައްސާ މެހެމާނުން ކަނޑައެޅުމަށް އައު އުސޫލެއް އެކުލަވާލައިފިއެވެ. މި އައު އުސޫލުގައި، ޝަރަފުވެރި މެހެމާނުންނަކީ މުޖުތަމަޢު ޤަބޫލުކުރާ އަދި އަޚްލާޤީ ގޮތުން ދަރިވަރުންނަށް ނަމޫނާއަކަށްވާ ފަދަ ބަޔަކަށް ވާންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި މި އައު އުސޫލުގައި، ޖިނާޢީ ކުށެއްގެ ތުހުމަތުގައިވާ ނުވަތަ ތަޙުޤީޤު ކުރެވެމުންދާ ފަރާތްތަކަށް ސްކޫލުތަކުގެ ރަސްމިއްޔާތުތައް ޝަރަފުވެރި ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުށެއް ސާބިތުވެފައިވާ ފަރާތެއްނަމަ، އެ ކުށުގެ ހުކުމް ތަންފީޒުކޮށް ނިންމިތާ 10 އަހަރު ވެފައިވާންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ ފަރާތްތަކަށް ސްކޫލުގެ އެއްވެސް ރަސްމިއްޔާތެއް ޝަރަފުވެރި ނުކުރެވޭނެކަމަށްވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އައު އުސޫލުގައި، ރަސްމީ ދުވަސްތައް ފާހަގަކުރާ ރަސްމިއްޔާތުތައް ޝަރަފުވެރި ކޮށްދޭނީ ތަޢުލީމީ ވުޒާރާއިން ކަނޑައަޅާ ފަރާތްތަކެއްކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުންގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރުން ހިމެނެއެވެ.
މި އައު އުސޫލަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހު ނެރެފައިވާ ކުރީގެ އުސޫލު އިޞްލާޙުކޮށް އެކުލަވާލާފައިވާ އުސޫލެކެވެ. ކުރީގެ އުސޫލުގައި ޝަރަފުވެރި މެހެމާނުން ކަނޑައެޅުމުގައި ބަލާނެ ވަކި މިންގަނޑުތަކެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
.