Ads by Aqeeqa Maldives

ޚަބަރު

އެފްޑީސީގެ 5،000 ފްލެޓަށް ޗައިނާގެ ބޭންކަކުން ލޯނު ހަމަޖެހިއްޖެ

އެފްޑީސީގެ 5،000 ފްލެޓަށް ޗައިނާގެ ބޭންކަކުން ލޯނު ހަމަޖެހިއްޖެ

އެފްޑީސީ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓް ފޮޓޯ:އެފްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 12:05

10 އޭޕްރީލު 2025، 12:05

މާލެ ސަރަހައްދުގައި އެޅުމަށް އެފްޑީސީން ރާވާފައިވާ 15،000 ފްލެޓުގެ ތެރެއިން 5،000 ފްލެޓަށް ޗައިނާގެ ބޭންކަކުން ލޯނު ހަމަޖެހިއްޖެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ހާމަކުރައްވައިފިއެވެ.

ހަމްދާން ވިދާޅުވީ، މި ލޯނާ ގުޅޭ ފައިނޭންޝަލް ޝީޓު ޗައިނާގެ ބޭންކުން ވަނީ ހިއްސާކޮށްފައި ކަމަށެވެ. މީގެ ތެރޭގައި ލޯނުގެ އަދަދާއި، އިންޓްރެސްޓް ރޭޓް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަޢުލޫމާތު ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހަމްދާން އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި މިނިސްޓްރީން މި ރިޕޯޓު އިކޮނޮމިކް ކައުންސިލަށް ހުށަހަޅާނެއެވެ. އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމުމުން، އެގްރިމެންޓުގައި ސޮއިކޮށް ޕްރޮޖެކްޓު ލޯންޗުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެހެން ހައުސިންގ ޔުނިޓުތަކަށްވެސް ލޯނު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ ތަފްސީލު އަވަހަށް ލިބޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރެއްވި ގޮތުގައި، މި އަހަރު މާލެ އާއި ރަށްރަށުގައި 27،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު އެޅުމަށް ވަނީ ރޭވިފައެވެ. މީގެ ތެރެއިން 15،000 ޔުނިޓު އެޅޭނީ މާލެ ސަރަހައްދުގައެވެ.

މިހާރު އެފްޑީސީން ހުޅުމާލޭގައި 4،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 700 ހައުސިންގ ޔުނިޓު ވަނީ ނިންމައި ހަވާލުކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS