ދުނިޔެ

ޣައްޒާގެ 60،000 އެއްހާ ކުދިންނަށް ކާން ނުލިބޭތީ ޞިއްޙީ ގޮތުން ބޮޑު ނުރައްކަލަކަށް ވެއްޓުމުގެ ބިރު

ޣައްޒާގެ 60،000 އެއްހާ ކުދިންނަށް ކާން ނުލިބޭތީ ޞިއްޙީ ގޮތުން ބޮޑު ނުރައްކަލަކަށް ވެއްޓުމުގެ ބިރު

ކާތަކެތި ބަހާ ތަނަކަށް އެއްވެފައިތިބި ޣައްޒާގެ ކުދިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2025، 06:03

10 އޭޕްރީލު 2025، 06:03

ޣައްޒާގެ 60،000 އެއްހާ ކުދިންނަށް ކާން ނުލިބުމުގެ ސަބަބުން ޞިއްޙީ ގޮތުން ބޮޑު ނުރައްކަލަކަށް ވެއްޓުމުގެ ބިރުއެބައޮތް ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ. 

ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން މި ބަޔާން ނެރެފައިވަނީ ޣައްޒާގައި އެހީ ފޯރުކޮށްދިނުން ކޮންޓްރޯލް ކުރުމަށް އިޒްރާއީލުން ހުށަހެޅި އާ ހުށަހެޅުމައް ދެކޮޅު ހަދައި ނެރުނު ބަޔާނެއްގައެވެ.

މި ބަޔާން ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ނެރެފައިމިވަނީ އދ. ގެ ވެރިޔާ އެންޓޯނިއޯ ގުޓެރެސް، ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް އިޒްރާއީލުން ހުށަހެޅި އައު ހުށަހެޅުމެއް ބަލައިނުގަތުމަށް ނިންމައިފައިވަނިކޮށެވެ. 

 އިޒްރާއިލްގެ  އެ ހުށަހެޅުމުގެ ސަބަބުން ކުރިއަށްއޮތްތަނުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރަށް ދަތިވެދާނެފަދަ މޭރުމަކުން ގުޓެރެސް ވަނީ ވާހަކަދައްކަވައިފައެވެ.

ރަނގަޅު ކާނާއާއި ބޯފެން ނުލިބުމުގެ ސަބަބުން ޞިއްޙީ ދަތިތައް އިތުރުވެގެންދާނެކަމަށާއި، ޚާއްޞަކޮށް ޕޯލިއޯ ވެކްސިން ހިމެނޭގޮތަށް ކުޑަކުދިންނަށް ވެކްސިން ދިނުން މަނާކޮށްފައި އޮތުމުގެ ސަބަބުން މިކަން އިތުރަށް ގޯސްވެގެންދާނެ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އިޒްރާއީލުން ފަލަސްތީނުގެ ބޯޑަރު ބަންދުކޮށް، ކާނާއާއި ބޭސްފަރުވާގެ ތަކެއްޗާއި ތެޔޮ ފަދަ ހުރިހާ އެއްޗެއް ވެއްދުން މަނާކޮށްފައިވާތީ، 2.3 މިލިއަން މީހުން ދިރިއުޅޭ މި ސަރަޙައްދަށް މާރޗް 2 އިން ފެށިގެން އެއްވެސް އެހީއެއް ފޯރުކޮށްދެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން 21 ނިއުޓްރިޝަން ސެންޓަރު ބަންދުކުރަން ޖެހި، ކުރިން ވެސް ނުރަނގަޅު ކާނާގެ ސަބަބުން ބަލިކަށިވެފައިވާ 350 ވަރަކަށް ކުދިންނަށް ދެމުން އައި ފަރުވާ މެދުކެނޑިފައިވާކަމަށް އދ. އިން ބުނެއެވެ.

ފާއިތުވި މަހ އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވެސް ބުނެފައި ވަނީ އިޒްރާއީލުގެ ހަނގުރާމަވެރި ޙަރަކާތްތައް ފުޅާވުމާ ގުޅިގެން ކާބޯތަކެތީގެ އެހީގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެހެންކަމުން ޣައްޒާގައި ތިބި އެތައް ހާސް ޢަދަދެއްގެ މީހުންނަށް ވަރަށް ބޮޑަށް ބަނޑުހައިހޫނުކަމާއި ނުރަނގަޅު ކެއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

ޑަބްލިއުއެފްޕީ އާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިވެރިންނަށް ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ނުކުޅެދިފައިވާތާ ތިން ހަފްތާއަށް ވުރެ ގިނަ ދުވަސްވެއްޖެކަމަށް އެ ޖަމްޢިއްޔާއިން ބަޔާނެއްގައި ބުނެފައިވެއެވެ. 

އަދި އިތުރަށް ބުނެފައިވަނީ އެ ޖަމްޢިއްޔާގެ ބާކީ ހުރި ކާބޯތަކެތީގެ ސްޓޮކުން ގިނަވެގެން ދެ ހަފްތާގެ މަސައްކަތްތައް ހިންގޭނެ ކަމަށެވެ. އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކަށް 18 މަސްދުވަސްވެފައިވާއިރު، ފަލަސްޠީނު ރައްޔިތުންނަށް ކާބޯތަކެއްޗާއި ބައިނަލްއަޤްވާމީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ބަންދުކުުރުން ހަތިޔާރެއްގެ ގޮތުގައި ތަކުރާރުކޮށް އިޒްރާއިލުންް ބޭނުންކޮށްފައިވެއެވެ.

ހުރިހާ އަސާސީ ތަކެތި ދަނީ ހުސްވަމުން މީގެ މާނައަކީ ޅަކުދިންނާއި ކުޑަކުދިން ނިދަން މަޖުބޫރުވެފައިިވަނީ ހައިހޫނުކަމުގައި ކަން، އަސާސީ ތަކެތި ނެތުމުން ކޮންމެ ދުވަހަކު ޣައްޒާ ދަތުރުކުރަމުންދަނީ ހައިހޫނުކަމުގެ ކާރިސާއަކާއި ދިމާއަށް.

އދ. ގެ ފަލަސްޠީނު އެހީގެ އޭޖެންސީ އަންރުވާގެ ޖުލިއެޓް ޓޫމާ ވިދާޅުވިއެވެ.

ފާއިތުވި ހަފްތާގައި، އިޒްރާއީލުގެ ކުންފުންޏެއް ކަމުގައިވާ މެކޮރޮތުން ޣައްޒާ ސަރަޙައްދަށް ފޯރުކޮށްދެމުން އައި ފެން މެދުކަނޑާލުމަށް އިޒްރާއިލް ސިފައިން ވަނީ އަމުރުކޮށްފައެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ އެ ސަރަޙައްދަށް ލިބެމުންދިޔަ ފެނުގެ 70 އިންސައްތަ ވަނީ ކެނޑިފައެވެ.

ޣައްޒާ މުނިސިޕަލިޓީގެ ތަރުޖަމާނު ހުސްނީ މެހަންނާ ވިދާޅުވި ގޮތުގައި، ފެން ކެނޑުމުން އަސަރުކުރަނީ ޣައްޒާ ސިޓީގެ އިރުމަތީ ފަރާތުގައިވާ ޝުޖާއިއްޔާ ސަރަޙައްދުގައި ހުރި މައި ހޮޅިއަށްކަމަށެވެ. މި ސަރަޙައްދަކީ ބުރާސްފަތި ދުވަހުން ފެށިގެން އިޒްރާއީލު ސިފައިން ހަނގުރާމަވެރި ޙަމަލާތައް ދެމުންދާ ސަރަޙައްދެކެވެ.

ފެން ކެނޑުނު ސަބަބު އަދިވެސް ސާފެއް ނޫން، ނަމަވެސް އަޅުގަނޑުމެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން އެ ސަރަޙައްދުގައި އިޒްރާއީލުން ދެމުންދާ ބޮޑެތި ބޮމުގެ ހަމަލާތަކުގެ ސަބަބުން ހޮޅިއަށް ގެއްލުން ލިބިފައިވޭތޯ ބަލަމުން އެބަގެންދަން.

މެހަންނާ ވިދާޅުވިއެވެ.

ކޮންމެ ގޮތެއްވިޔަސް، މީގެ ނަތީޖާ ވަރަށް ނުރައްކާތެރިވާނެ ކަމަށާއި، މެކޮރޮތުން ފެން ލިބޭ މިންވަރު އަވަހަށް އާދައިގެ މިންވަރަށް ނުގެނެވިއްޖެނަމަ، ޣައްޒާގައި ފެނުގެ ދަތިކަމާއިވެސް ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS