ދުނިޔެ
ޝުޖާޔާ ސަރަހައްދަށް ދިން ހަމަލާ: މަދުވެގެން 10 ގެއެއް އެއްކޮށް ހަލާކުވި

ޝުޖާޔާއަށް ދިން ހަމަލާގައި ޝަހީދުވި މީހެއްގެ ހަށިގަނޑުހިފައިގެން އާއިލާ މެމްބަރެއް
ޣައްޒާގެ ޝުޖާޔާ ސަރަހައްދަށް އިޒްރާއިލް ސިފައިން ވަރުގަދަ ހަމަލާއެއް ދީފިއެވެ.
އަލްޖަޒީރާގައި މަންޒަރުދުށް މީހުންނަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ހަމަލާޔާއި އެކު ބޮޑު ކަޅު ދުންގަނޑެއް އެސަރަހައްދުން ފެނިފައިވާކަމަށާޢި ގާތްގަނޑަކަށް 10 ވަރަކަށް ގެ މިހަމަލާގައި ހަލާކުވެގެން ގޮސްފައިވާކަށެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ޢަދަދު 22 އަށްވުރެ މައްޗަށް އަރައިގެން ގޮސްފަައިވެއެވެ. ހަމަމިއާއިއެކު 50 އެއްހާ މީހުން ޒަޚަމްވެ ފަރުވާއަށް މެޑިކަލް ފެސިލިޓީއަށް ގެންދެވިފައިވެއެވެ. ހަމަމިއާއި އެކު 80އަށް ވުރެ ގިނަ މީހުން ވަނީ އިމާރާތްތަކުގެ ގައުކުނޑިތަކުގެ ދަށުގައި ތާށިވެފައެވެ.
މި ހަމަލާގައި ޝަހީދުވިމީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަމަލާއެރި ގޭގޭގައި ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދިޔަ އަންހެނުންނާއި ކުޑަކުދިން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.
ހަމަލާގެ ސަބަބުން ވެއްޓުނު ގޭގޭގެ ގައުކުނޑުތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން ދަތިކަމަކަށްވެފައިވާ ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.
ޝުޖާޔާގެ ރައްޔިތެއް ކަމަށްވާ އައްޔޫބް ސަލީމް، ހަމަލާއެރިވަގުތުގެ މަންޒަރު ސިފަކޮށް ބުނެފައިވަނީ ހަތަރު ބުރީގެ އިމާރާތަކަށް އިސްރާއީލުން ހަމަލާއެއްދީފައިވާކަމަށެވެ.
އެ ސަރަހައްދަށް ގިނަ މިސައިލްތަކެއް ފޮނުވާފައިވާއިރު އެ ސަރަހައްދަކީ ގެދޮރުގެއްލިފައިވާ މީހުން ޓެންޓު ޖަހައިގެން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ތަނެއް ކަމަށާއި އެތަނަކީ އެޙާލަތުގައި ތިބި މީހުން ތޮއްޖެހިގެން އުޅެމުންދިޔަ ސަރަހައްދެއްކަމަށެވެ.
އެވަގުތުގެ މަންޒަރަކީ ބިރުވެރި އަދި ބަޔާން ނުކުރެވޭ ފަދަ މަންޒަރެއް ކަމަށާއި ކަޅު ދުމާއި ހިރަފުހުގެ އަސަރު މުޅި ސަރަހައްދަށް ފެތުރިގެން ދިޔުމުން އެއްވެސް ތަނެއް ނުފެންނަ ވަރުވެގެން ދިޔަ ކަމަށެވެ. ހަމައެކަނި އިވެމުންދިޔައީ ރައްޔިތުންގެ ހަޅޭއްކުގެ އަޑުކަމަށެވެ.
ހަމަލާގައި މީހުންގެ ހަށިތައް އެތިކޮޅު ކޮޅަށް ވެފައި ހުރިތަން ދެކުނިން.
ސަލީމް ބުނެފައިވެއެވެ.
ސަލާމަތްވި ރައްޔިތުން އެއްވެ ގައުކުނޑިތަކުގެ ދަށުގައި ތާށިވެފައި ތިބި ނެރެން މަސައްކަތް ކުރަމުންދާ ކަމަށް އަަލްޖަޒީރާގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.
އެ ސަރަހައްދުގެ މަތީގައި އިޒްރާއީލުގެ ޑްރޯންތައް އުދުހެމުންދާއިރު، ސަލާމަތީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން މަސައްކަތް ކުރަމުންދަނީ ބިރުވެރިކަމުގެ ތެރޭގައި ފުރާނަ އަތްމައްޗަށް ލައިގެން ތިބެއެވެ.
މިއީ ހަމަލާތައްހުއްޓާލުމަށް ހެދި އެއްބަސްވުމާއި ޚިލާފުވެ އިޒްރާއިލުން ދޭން ފެށި ހަމަލާތަކަށް ފަހު ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.