ޚަބަރު
މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ފޮނުވާ ސައްހަނޫން މެސެޖްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މޯލްޑިވްސް ޕޯސްޓް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި ފޯނުތަކަށް ސައްހަނޫން އެސްއެމްއެސް މެސެޖްތަކެއް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯސްޓުން ވަނީ ރައްޔިތުންނަށް މިފަދަ މެސެޖްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ފޮނުވާ އެސްއެމްއެސް މެސެޖްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. މިފަދަ މެސެޖްތަކުގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އަދި އެއްވެސް ޒާތީ ނުވަތަ މާލީ މަޢުލޫމާތެއް ހިއްސާނުކުރުމަށް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ސްކޭމް މައްސަލަ ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުން ފުލުހުން ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ސްކޭމް މައްސަލަތަކުގައި 300 މިލިޔަން ރުފިޔާ ގެއްލިފައިވާކަން ހާމަކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 70 އަށް ވުރެ ގިނަ ވެބްސައިޓު މިފަދަ މައްސަލަތަކާއި ގުޅިގެން ބްލޮކް ކޮށްފައިވާކަން ފުލުހުން ހާމަކުރެއެވެ.
މިފަދަ މައްސަލަތައް ގިނަ ވެފައިވާއިރު، މޯބައިލް ފޯނަށް މެސެޖުގެ ޒަރީއްޔާއިން އަންނަ އެއްވެސް ލިންކަކަށް ނުފިތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.