ދުނިޔެ
ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން 58 މީހުން ޝަހީދުވެ 213 މީހުން ޒަޚަމްވެއްޖެ

ޝަހީދުވި މީހެއްގެ ހަށިގަނޑު އުފުލަނީ
ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން 58 މީހަކު ޝަހީދުވެ 213 މީހުން ޒަޚަމްވެފައިވާ ކަަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފިއެވެ.
އަލްޖަޒީރާގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުން ޣައްޒާގެ އެކި ސަރަހައްސުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 58 މީހުން މަރުވެ 213 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ފަަލަސްޠީނުގެ ޞިއްޙީ ވުޒާރާއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ހަމަލާތަކުގެ ޝިކާރައަކަށްވި ގިނަ ޢަދަދެއްގެ މީހުން އަދިވެސް ހަލާޚުވެފައިވާ ޢިމާރާތްތަކުގެ ގައުކުނޑި ތަކުގެ ދަށުގައި ތިބިކަމަށެވެ. އަދި ފަރުވާ ނުލިބި ލޭއޮހޮރޭ ޙާލު މަގުމަތީގައިވެސް އަނިޔާވެފައި ތިބި ގިނަ ބަޔަކު ތިބިކަމަށެވެ. ހަމަލާތައް ހުއްޓުމެއް ނެތި ދެމުންދާތީ ސިވިލް ޑިފެންސްގެ ޓީމު ތަކަށާއި އެމްބިޔުލާންސްތަަކަށް އެސަރަޙައްދުތަަކަށް ވާސިލްވުމަށް ދަތިވެފައިވާކަމަށެވެ.
އިޒްރާއީލުން މާޗް މަހުގެ 18 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެ ހަމަލާތައް ދޭންފެށި ފަހުން 1،449 މީހުން ޝަހީދުވެ 3،647 މީހުން ޒަަޚަމްވެފައިވާ ކަމަށް ވެސް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިޒްރާއިލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 50،810 އަށް އަރާފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 115،688 މީހުންނަށް ވެސް އަނިޔާވެފައިވެއެވެ.