Ads by Aqeeqa Maldives

ޚަބަރު

ދުންފަތުން ސަލާމަތްވާ ޖީލެއް އުފެއްދުން:ގިނަ މީހުން ގެ ވޯޓް 2000އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް

ދުންފަތުން ސަލާމަތްވާ ޖީލެއް އުފެއްދުން:ގިނަ މީހުން ގެ ވޯޓް 2000އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޭޕްރީލު 2025، 04:00

08 އޭޕްރީލު 2025، 04:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުންފަތް މަނާކުރުމުގެ ސިޔާސަތުގެ ދަށުން، 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ގިނަ ރައްޔިތުން ބޭނުންވާކަން ޚިޔާލު ހޯދުމުގެ ޕޯލަކުން ދައްކައިފިއެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރައްވައި، ޖީލުތަކެއް މި ވަބާގެ ތެރެއަށް ގެއްލިގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް "ޖެނެރޭޝަން ބޭން" އެއްގެ މުހިންމުކަން ފާހަގަކުރައްވައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ސިއްޙީ ވަޒީރަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢާންމުންގެ ޚިޔާލަށް ހުޅުވާލައްވާފައެވެ. މިގޮތުން މިމަހުގެ 3 ވަނަ ދުވަހު ހުޅުވާލެވުނު ޕޯލުގައި، 2000 ވަނަ އަހަރުން ފެށިގެން، 2004 ވަނަ އަހަރުން ފެށިގެން، އަދި 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމާ ގުޅޭގޮތުން ޚިޔާލު ހޯދާފައިވެއެވެ.



މި ޕޯލުގެ ނަތީޖާއިން ދައްކާ ގޮތުގައި، ގިނަ ރައްޔިތުން އެދެނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތާއި ދުންފަތުގެ އުފެއްދުންތައް މަނާކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހުޅުވާލި ޕޯލަށް 5500 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު ވާއިރު %51.1 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ. ފޭސްބުކްގައި ހުޅުވާލާފައިވާ ޕޯލަށް 5000 އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު %73 މީހުން ވަނީ 2000 ވަނަ އަހަރު ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެން ދާނެކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

ހަމައެހެންމެ، ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ވަނީ މަޝްވަރާތައްވެސް ފަށްޓަވާފައެވެ. މިގޮތުން، ސިއްޙީ ވުޒާރާއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިޢްޔާއާއި ޔުނިސެފްގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ. އެ ފަރާތްތަކުން ވަނީ މި މަސައްކަތުގައި ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުން ސިއްޙީ ވުޒާރާއަށް ލަފާ ދެއްވާފައެވެ.


މި ލިޔުން ކިޔާލުމުން

Ads by MSS