ޚަބަރު
ރާއްޖެ-ސަޢުދީ ގުޅުން ބަދަހިކުރުމަށް ކުރި މަސައްކަތަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރައްވައިފި

ސަޢުދީ ސަފީރު އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފޮޓޯ: ވުޒާރާ
ރާއްޖެ އާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ސަޢުދީ ސަފީރު ކުރެއްވި މަސައްކަތްތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ޚާރިޖީ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގައި، ސަޢުދީ ސަފީރު މަތުރިކް ޢަބްދުﷲ އަލް އަޖަލިން އަލްދުސާރީ ވަދާޢީ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ ދެ ޤައުމުގެ އަޚުވަންތަ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް ސަފީރު ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަފީރު އަލްދުސާރީ ވެސް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއިން ސަފީރާ ބޭއްވެވި ގާތްގުޅުމަށާއި ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ އަޚުވަންތަ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
Ambassador of Saudi Arabia pays a farewell call on the Minister of Foreign Affairs
— Ministry of Foreign Affairs 🇲🇻 (@MoFAmv) April 6, 2025
📃 Press Release | https://t.co/yNNDhdPUjK pic.twitter.com/kemMPa6YD7
ޚާރިޖީ ވަޒީރު ޑރ. ޚަލީލް އިތުރަށް ވިދާޅުވީ، ސަފީރު އަލްދުސާރީގެ ދައުރުގައި ގެންގުޅުއްވި އެކުވެރިކަމާއި ގާތްގުޅުން ފާހަގަކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކުރިއަށް އޮތްތަނުގައި އައު ސަފީރާއެކުވެސް ކުރިއަށްދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، އަލްދުސާރީ އެ ޤައުމުން ހަމަޖައްސަވާފައިވަނީ 2020 ވަނަ އަހަރުއެވެ.