Ads by Aqeeqa Maldives

ޚަބަރު

މިހާތަނަށް ރާއްޖެއަށް އެންމެ ދިގު ދަތުރެއް ކުރި ކްރޫޒް ލައިނަރއަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

މިހާތަނަށް ރާއްޖެއަށް އެންމެ ދިގު ދަތުރެއް ކުރި ކްރޫޒް ލައިނަރއަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

އެމްއެސްސީ މެގްނިފިކާ ފޮޓޯ:އިމިގްރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޭޕްރީލު 2025، 06:53

06 އޭޕްރީލު 2025، 06:53

މިހާތަނަށް ރާއްޖެއަށް އެންމެ ދިގު ދަތުރެއް ކުރި ކްރޫޒް ލައިނަރއަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. "އެމްއެސްސީ މެގްނިފިކާ" ނަމަކަށް ކިޔާ މި ކްރޫޒް ލައިނަރ ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކްރޫޒް ލައިނަރ ރާއްޖެ އައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެންނެވެ. ޕެސިފިކް ކަނޑު ހުރަސްކޮށް އިންޑިއާ ކަނޑަށް ކުރި މި ދަތުރަކީ، އިމިގްރޭޝަނުން ކްލިއަރެންސް ދިން އެންމެ ދިގު ސީޕޯޓު ދަތުރު ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.



އެމްއެސްސީ މެގްނިފިކާގައި ދަތުރުކުރި 2،818 ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 1،866 ފަސިންޖަރުންނާއި 952 ކްރޫ މެންބަރުންނެވެ.

ރާއްޖެއަކީ ކްރޫޒް ލައިންތަކުގެ މެދުގައި އަބަދުވެސް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒް ލައިނަރުތައް ޒިޔާރަތްކުރެއެވެ. އެމްއެސްސީ މެގްއެސްސީ މެގްނިފިކާއަކީ މިއަހަރު ރާއްޖެއަށް އައި 8 ވަނަ ކްރޫޒް ލައިނަރެވެ.

ކްރޫޒް ލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް 660،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS