ޚަބަރު
ރައީސް ދެއްވީ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަށް ހައްލު ގެނެސްދޭނެކަމުގެ ޔަޤީންކަން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިގިރޭސިވިލާތުގައި ތައުލީމްހާސިލްކުރާ ބައެއް ދަރިވަރުންނާއި ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް ދިމާވާ ގިނަ މައްސަލަތަކަކީ ނިޒާމުގެ ތެރެއިން ދިމާވާ މައްސަލަތަކެއްކަމަށާއި، އަވަސް މުސްތަގުބަލެއްގައި މިފަދަ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތައް ރަނގަޅަށް އެނގިގެންދާކަމަށެވެ. އަދި ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަށް އިތުރަށް ފަސޭހަވެގެންދާކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދާ ކުދިންނާއި، ލޯނު ނަގައިގެން ނުވަތަ އަމިއްލަ ޚަރަދުގައިވެސް މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފައިސާ ދޫކުރުމުގައި ދިމާވާ މައްސަލަތައްކަމަށް ފާހަގަކުރައްވައި، މި މައްސަލައަށް ހައްލު ހޯދުމަށް މިދިޔަ ދުވަސްތަކުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އިރާދަ ކުރެއްވިއްޔާ ކުރިއަށްއޮތްތަނުގަ އެއީ ސްޓައިފަންޑް ކަމަށްވިޔަސް އަދި ޓިއުޝަންފީ ޖަމާކުރުމުގައި ކަމުގައިވިޔަސް ސަރުކާރުގެ ނިޒާމުގެ ތެރެގައި ހުންނަ އިންއެފިޝެންސީޒްތައް ހައްލުކޮށްދޭނަން. މިސާލަކަށް އަޅުގަނޑަށް އެންމެ ގިނައިން އައިސްފަހުރި ހަމަ ވަރަށް ޖެނުއިން ކޮންސާންއެއްގެގޮތުގައި އައިސްފައިހުރިކަމެއް ސަރުކާރުގެ ކަމާބެހޭ އިދާރާގެ ރެސްޕޮންސްދައްވުމާ މިކަހަލަ ކަންތައްތައް. އީމެއިލްއަށް ޖަވާބުދިނުން ކަހަލަ ކަންތައްތައް. އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު އެޑްރެސްކުރާނަން.
ރައީސް މުޢިއްޒު
ރައީސް މުޢިއްޒު ވިދާޅުވީ، ސްޓައިޕެންޑް އަދި ޓިއުޝަން ފީ ޖަމާކުރުމުގައި ހުރި މައްސަލަތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ ރެސްޕޮންސް ލަސްވުމުގެ މައްސަލަތައް ހައްލުކުރައްވާނެކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި "ނަމްބަރ 9 ރޯޒްމަންޓް އެވެނިއު" ޢިމާރާތް އަލުން އެކުދިންގެ އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ޢިމަރާތެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ނިޒާމުގެތެރޭގަ ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އެފިޝެންޓްކޮށްދީ އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް ޖަވާބުދިނުމާއި އަވަހަށް އޮން ޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުން ކަހަލަ ކަންކަމާ މި ކަންކަން ރަނގަޅުކޮށްދޭނަން އިރާދަކުރެއްވިއްޔާ
ރައީސް މުޢިއްޒު
ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަށްވެސް އެއްހަމައަކުން ސަމާލުކަންދީގެން މި މައްސަލަތަކަށް ހައްލު ގެނެސްދޭނެކަމުގެ ޔަޤީންކަންވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވައި، އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ދަތުރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.