ޚަބަރު
ޢުމްރާއިން އަންނަ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން އެޗްޕީއޭއިން ހަނދާންކޮށްދީފި

އުމްރާއިން މާލެއަންނަ ފަރާތްތައް ފޮޓޯ:އެމްއޭސީއެލް
ޢުމްރާގެ އަޅުކަމަށްފަހު އަންނަ ފަރާތްތަކުން ރޯގާޖެހި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ދިޔައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ހަވާލުގައިވެސް ގިނަ ބަޔަކު ރަމަޟާންމަހު ޢުމްރާގެ އަޅުކަމަށް ދިޔައެވެ. މިހާރު ވަނީ ޢުމްރާގެ މަތިވެރި އަޅުކަން ފުރިހަމަކޮށް ޢުމްރާވެރިން ރާއްޖެ އަންނަން ފަށާފައެވެ.
ޢުމްރާއިން އެނބުރި އައުމަށްފަހު ސަމާލުކަން ދޭންވީ މުހިއްމު ކަންކަން. 🕋 pic.twitter.com/ogxSMTjQJ8
— Health Protection Agency (@HPA_MV) April 5, 2025
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ޢާއްމުގޮތެއްގައި ޙައްޖާއި ޢުމްރާގެ އަޅުކަމަށްފަހު އަންނަ މީހުންނަށް ރޯގާ ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ޢުމްރާއިން އަންނަ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން އެޗްޕީއޭއިން ހަނދާންކޮށްދީފައިވެއެވެ.
އެގޮތުން، ޢުމްރާއަށްފަހު އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން މި އިލްތިމާސްތައް ކުރައްވާފައިވަނީ ޢުމްރާއިން އަންނަ ފަރާތްތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އެފަރާތްތަކުގެ ސަބަބުން އެހެން ފަރާތްތަކަށް ބަލި ފެތުރުން ހުއްޓުވުމަށެވެ.