Ads by Aqeeqa Maldives

ޚަބަރު

ޣައްޒާގެ ސްކޫލަށާއި ބޭސް ގުދަނަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާގެ ސްކޫލަށާއި ބޭސް ގުދަނަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޢައްޒާގެ އެންމެބޮޑު ހޮސްޕިޓަލަށް ދިން ހަމަލާގައި ލިބިފައިވާ ގެއްލުން ފޮޓޯ:އަލް ޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2025، 06:23

05 އޭޕްރީލު 2025، 06:23

އިސްރާއީލުން ޣައްޒާގެ ދާރުލް އަރްޤަމް ސްކޫލަށާއި ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން ވަނީ ޝަހީދުވެ އަދި ޒަޚަމްވެފައެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމާބެހޭ ޤާނޫނާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، މި ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވައި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާޢީދު ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ހޯދުމަށް ގޮވާލާފައިވެއެވެ. އެގޮތުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

މި ހަމަލާތަކުގެ ތެރެއިން ދާރުލް އަރްޤަމް ސްކޫލަށް ދިން ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އޭގެ ތެރޭގައި 18 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން، ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ވަގުތީ ހިޔާވަހިކަމުގެ ގޮތުގައި ބޭނުންކުރަމުންދިޔަ މަދަރުސާތަކަށްވެސް ހަމަލާ ދީފައިވާކަން ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS