ދުނިޔެ
ރޭފަތިހުއްސުރެ މިހާތަނަށް ޣައްޒާއިން 38 މީހަކު ޝަހީދުކޮށްލައިފި

ޝަހީދުވި ބައެއްގެ ޖަނާޒާ ކުރިއަށްދަނީ.
ރޭފަތިހުއްސުރެ މިހާތަަނަށް ޣައްޒާއިން 38 މީހަކު ޝަހީދުކޮށްލައިފައިވާކަމަަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
އަލްޖަޒީރާއަށް ޣައްޒާގެ ބިމުން މަޢުލޫމާތުދިން މެޑިކަލް މަސްދަރަކަށް ހަވާލާދީ ބުނެފައިވަނީ އިޒްރާއިލްގެ ޢަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް 38 މީހަކު ޝަހީދުވެފައިވާކަމަށެވެ.
އިޒްރާއިލްގެ ޢަސްކަރިއްޔާއިން ހަމަލާތައްހުއްޓާލުމުގެ އެެއްބަސްވުމާއި ޚިލާފުވެ މާރޗް 18 ވަނަ ދުވަހު ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 1249 މީހަކު ޝަހީދުވެފައިވާއިރު 3022 މީހަކަށް އަނިޔާވެފައިވެއެވެ.
ޣައްޒާގެ މެޑިކަލް ކަންތައްތަކުގެ ހާލަތާއި މެދު އަލް އަހްލީ ހޮސްޕިޓަލްގެ ޑިރެކްޓަރ ވަނީ އަލްޖަޒީރާގެ މަޢުލޫމާތު ދެއްވައިފައެވެ.
އެގޮތުން އަލް އަހްލީ ހޮސްޕިޓަލްގައި ޒަޚަމްވާ އިތުރުމީހުންނަށް ޖާގަ ދެވެން ނެތް ކަމަށް ބުނެފައިވެއެވެ. އަދި އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ގިނަ މެޑިކަލް ފެސިލީޓީތައް ހަލާކުވެފައިވުމުގެ ސަބަބުން އެތަންތަނަށް ވެސް ބަރޯސާވެވެން ނެތް ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ޣައްޒާގެ އެއްވެސް ތަނަކީ މިހާރު ރައްކާތެރި ތަނެއް ނޫންކަމަށެވެ.