ދުނިޔެ
އަހަރެން ވިހޭތާ މިވީ ދެހަފްތާ، މިއަދު އަހަންނަށް ލިބުނީ އެތުއްތު ދަރިފުޅުގެ ބޯ ނެތް ހަށިގަނޑު

ބޮލާއި ހަށިގަނޑު ވަކިވެފައިވާ ފަލަސްޠީނުގެ ތުއްތު ކުއްޖެއްގެ ހަށިގަނޑު
އިޒްރާއިލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ވިހޭތާ ދެ ހަފްތާ ވީ ކުއްޖެއްގެ ބޮލާއި ހަށިގަނޑު ވަކިވެފައިވަނިކޮށް ފެނިއްޖެއެވެ.
ދެ ހަފްތާގެ އަމަލްގެ މަންމަ "މިޑިލް އީސްޓް އައި" އާ ވާހަކަދައްކަމުން އިޒްރާއިލްގެ ހަމަލާ އެމީހުން ތިބި ތަނަށް އެރިވަގުތު ކަންހިނގިގޮތް ކިޔައިދީފައިވެއެވެ.
އޭނާ ބުނެފައިވަނީ އެމީހުން ތިބީ ހަމަލާއެއް އަންނަން އުޅޭ ކަމުގެ އެއްވެސް އިންޒާރެއް ލިބުމެއް ނެތި ކަމަށާއި ހަމަލާއަރައި އަލިފާން ރޯވީ ކުއްލިއަކަށް ކަަމަށެވެ.
އަދި ވާނުވާ ނޭނގި ހުއްޓައި އޭނާގެ އެއް އަންހެން ދަރިފުޅު ތިމަންނާ މައްޗަށް މިއެރީ ވެއްޓުނު އިމާރާތުގެ ދަށުންނޭ ބުނުމުން، ހޭވެރިކަންވެ ދެން ތިބި ކުދިން ކޮބައިތޯ ބެލުނު ކަމަށެވެ.
ގައިމަތީގައި ހުރި ގައުތައް އެއްފަރާތްކޮށް ބެލިއިރު ރޯވެފައިވާ އަލިފާން ގަނޑު އޮތީ ކުދިންތިބި ސަރަހައްދުގައިކަން އެނގުނު ކަމަށާއި އޭނާގެ އެންމެ އަންހެން ދަރިއެއް ފިޔަވައި ދެންތިބި ހުރިހާ ކުދިން ޝަހީދުވެފައިވާ ކަމަށް އަސަރާއިއެކު އެ މަންމަ ކިޔައިދިނެވެ.
އަހަރެން ވިހޭތާ އަދި މިވީ އެންމެ ދެ ހަފްތާ، އަހަރެންގެ ތުއްތު އަންހެން ދަރިފުޅު އޭނާގެ ބޮލެެއްނެތް. ރަޖަޔަށްލާ އޮޅާލައިފައި އޮތް އޭނާގެ ހަށިގަނޑު އެމީހުން އަހަންނަށް ދެއްކި. އޭރު އޭނާ ސާފުކޮށްލާ ރީތިކޮށްލާފައި އެނދުގަ ބޭއްވިތާ މާގިނައިރެއް ނުވާނެ، އެއީ އަދި ތުއްތު ކުއްޖެއް އެއްެވެސް ކުށެއްނުވާ މައުސޫމް ފުރާނައެއް.
އެ މަންމަ އަސަރާއި އެކު ކިޔައިދީފައިވެއެވެ.
ހަމަލާގައި ސަލާމަތްވި އޭނާގެ އަންހެން ދަރިފުޅަށް އިޝާރާތްކޮށް އޭނާ ބުނީ ސަލާމަތުން ލިބުނީ އެ ދަރިފުޅު އެކަނި ކަމަށެވެ.
ހަމަލާއިން ސަލާމަތްވި ކުއްޖާ އޭރުވެސް ޝަހީދުވެގެންދިޔަ އޭނާގެ އެއްބަނޑު އެއްބަފާ ކުދިންނާއިމެދު ހިތާމަކުރަމުންދިޔައެވެ.
އޭ އަމަލް އަހަރެން ބޭނުންވީ ތިބާއާއި އެކު އުފަލުގަ އުޅެން، ﷲ ގަންދީ ބުނަން ތިބާ އާއި އެކު އުފާވެރިކަން ހިއްސާކުރަން ބޭނުން، އަހަރެން ބޭނުންވީ ތިބާއާއެކު މަޖާކޮށްލަން.
އެ ކުޑަ އަންހެން ކުއްޖާ ރޮމުން ކިޔަމުންދިޔައީ މިހެނެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރާއިލުން ދޭން ފެށި ހަމަލާތައް ކުރިއަށްވުރެ ބާރުގަދަވެ ނުރައްކާތެރިވެފައިވެއެވެ. ހަމަލާތައް ދިނުމުގެ ކުރިން އިންޒާރު ދިނުމެއް ނެތި ހަމަލާތައް ދިނުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ޝަހީދުވަމުންނެވެ.