Ads by Ministry of Arts, Culture and Heritage

ޚަބަރު

ކޮޕް31 ގެ ހަވާސާގައި ރައީސް މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސާއި ބައްދަލުކުރައްވައިފި

ކޮޕް31 ގެ ހަވާސާގައި ރައީސް މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 ނޮވެމްބަރު 2026، 09:07

11 ނޮވެމްބަރު 2026، 09:07

އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި، ސީޝެލްސްގެ ނައިބު ރައީސް ސެބަސްޓިއަން ޕިލޭއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ސީޝެލްސްއަކީ ވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ގޮތުގައި ހިމެނޭ، ތިމާވެށީގެ ގޮތުން އެއްފަދަ ގޮންޖެހުންތަކަކާއި ކުރިމަތިލަމުންދާ ދެ ޤައުމެވެ. އެގޮތުން، ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އެހީތެރިކަން އިތުރުކުރުމަށާއި މޫސުމީ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ދެ ޤައުމުން ވަކާލާތުކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ނޮވެންބަރު މަހުގެ 10 އިން 14 އަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31ގައި  ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންނެވީ އިއްޔެއެވެ. 



މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.

ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.

މި ބައްދަލުވުމުގައި، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމަޢީ މަސައްކަތްތަކެއް ކުރުމަށް ޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުޢިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ޙިއްސާކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450