ޚަބަރު
ރާއްޖޭގެ 20 އެމްބަސީއެއް ބޭރު ޤައުމުތަކުގައި މިހާރު އެބަހުރި: ޚާރިޖީ ވަޒީރު
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް--
ދިވެހިރާއްޖޭގެ ފަރާތުން ބޭރުގެ އެކި ޤައުމުތަކުގައި މިހާރު 20 އެމްބަސީއެއް ޤާއިމުކޮށްފައިވާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސަރުކާރުގެ ވަޒީރުން ރައްޔިތުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވުމަށް ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއިން އެމްބަސީތައް ހުޅުވާފައިވަނީ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަޙައްދުތަކާއި، ދިވެހި ރައްޔިތުން ގިނައިން ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ޤައުމުތަކުގައި ކަމަށެވެ.
"ދިވެހިރާއްޖޭގެ ފަރާތުން މިހާރު މި ވަނީ ވިހި އެމްބަސީއެއް ހުޅުވާފައި. އެއީ އެކި ސްޓްރެޓެޖިކް ތަންތަނުގައި ދިވެހި ރައްޔިތުން، ރައްޔިތުންގެ ޕޮޕިއުލޭޝަން، ރައްޔިތުން ދިރިއުޅުއްވާ އަދި ދިވެހި ރައްޔިތުން ދަތުރުކުރައްވާ، އަދި އެ ޤައުމާ މި ވަރަށް ކުރީއްސުރެ އެތައް ދިވެހިރާއްޖެ މިނިވަން ޤައުމަކަށް ވުމަށްފަހު، އެކުވެރި ގުޅުމެއް ޤާއިމުކުރެވިފައިވާ ޤައުމުތައް، ޚާއްސަ ގޮތެއްގައި އަރަބި ޤައުމުތަކުގައި ވެސް އަދި ދިވެހިރާއްޖެއަށް ފައިދާހުރި ގުޅުންތަކެއް ލިބޭ ޤައުމުތަކުގައިވެސް ވަނީ އެމްބެސެޑަރުން ބައިތިއްބާފައި،"
ވަޒީރު ވިދާޅުވިއެވެ.
ބޭރު ދުނިޔޭގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރުކުރުމަށް ޓަކައި މި ސަރުކާރުން އެކި ސަރަޙައްދުތަކުގައި އޮނަރަރީ ކޮންސިއުލްތައް ވެސް ހަމަޖައްސަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުން ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ހަމަޖައްސައިގެން އެކި ޤައުމުތަކާ ގުޅުން ބަދަހިކުރަމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އާންމުކޮށް ނަން ނޭނގޭ ބައެއް ޤައުމުތަކާ ވެސް ގުޅުން ބަދަހިކޮށް، ފަތްކޮޅު އަރުވަމުންދާތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެފަދަ ޤައުމުތަކާ ގުޅުން ޤާއިމުކުރުމަކީ ދިވެހި ރައްޔިތުންނަށް އެ ޤައުމުތަކަށް ދަތުރުފަތުރުކުރުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.
"އެ ޤައުމުތަކާ ގުޅުން ބަދަހިކޮށްފައި އޮތީމަ ދިވެހި ރައްޔިތުންނަށް އެ ޤައުމަށް ދަތުރުކުރެވޭނެ. އެ ޤައުމުތަކުން ގުޅުން ބަދަހިކޮށް ދަމަހައްޓައި ހެދީމަ އަޅުގަނޑުމެންގެ ގަރާރުތަކަށް ތާއީދުކުރާނެ،"
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހުށަހަޅާ ޤަރާރުތަކަށް ތާއީދު ހޯދުމަށާއި، ރާއްޖޭގެ ރައްޔިތަކު ބޭރު ޤައުމެއްގައި ހައްޔަރުވުން ނުވަތަ ބަންދުވުން ފަދަ ކަމެއް ދިމާވާ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެފަދަ ގުޅުންތަކުގެ މުހިންމުކަން ބޮޑު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.