ޚަބަރު
ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުން: ހޮޅިއެޅުމާއި ޖަންކްޝަން ހަރުކުރުމުގެ މަސައްކަތް ކުރިއަށް
ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ޏ. ފުވައްމުލަކު އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފެން ހިންދުމަށް ބޭނުންވާ ސެޓްލްމަންޓް ޓޭންކްތަކާއި ހޮޅި އެޅުމުގެ އިތުރުން ކޭބަލް ޖަންކްޝަން ބޮކްސްތައް ހަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ސައިޓުގައި މިހާރު ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ މަގުތަކުގެ އަޑީގައި ވަޅުލަންޖެހޭ ޔުޓިލިޓީ ނެޓްވޯކްތަކާއި ފެން ހިންދާ ނިޒާމުގެ ބައިތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ.
Project Update: Design and Build of Gn. Fuvahmulah Internal Roads - Phase 2 Settlement tank, pipe installation and cable junction box works are ongoing. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/i9c2dGbFPZ
— MTCC Plc (@MTCCPlc) November 8, 2026
މި މަޝްރޫއަކީ ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
މީގެ ކުރިން މަގުތަކުގައި ފެންހިންދާ ނިޒާމުގެ މަސައްކަތްތަކެއް ފެށިފައިވީ ނަމަވެސް، މި ފިޔަވަހީގެ ދަށުން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ މަގުތައް ޒީނަތްތެރިކުރުމާއި، ތާރު އެޅުމާއި އަދި ޔުޓިލިޓީ އިންފްރާސްޓްރަކްޗާ ފުރިހަމަކުރުމަށެވެ.
ފުވައްމުލަކު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވަނީ 25 ޖުލައި 2023 ގައެވެ. އެމްޓީސީސީން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުގެ ކުރީކޮޅަށް މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެއެވެ.