ދުނިޔެ

ދިއްލީގެ ވައި އިންތިހާއަށް ތަޣައްޔަރުވެ، ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށްފި

ދިއްލީގެ ވައި އިންތިހާއަށް ތަޣައްޔަރުވެ، ސްކޫލްތަކުގެ ކިޔެވުން  އޮންލައިންކޮށްފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 ނޮވެމްބަރު 2026، 11:41

07 ނޮވެމްބަރު 2026، 11:41

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެ، ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ވައި އެންމެ ބޮޑަށް ގޯސްވި ސިޓީއަކަށް އެ ސިޓީ ވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކުގެ ކިޔަވައިދިނުން އޮންލައިންކޮށްފިއެވެ. ހިންދޫންގެ އީދެއް ކަމަށްވާ ދިވާލީއާ ދިމާކޮށް ވައިގެ ސާފުމިންވަރު އިންތިހާއަށް ދަށްވުމާ ގުޅިގެން ދިއްލީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގެ ސްކޫލްތައް އޮންލައިންކުރުމުގެ އިތުރުން، އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ.

ސްވިޒަލެންޑުގެ ވައިގެ ފެންވަރު ބަލާ ޖަމާއަތެއް ކަމަށްވާ އައިކިއުއެއާ (IQAir) ގެ ލައިވް ރޭންކިން އިން ދައްކާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު 10:35 ގައި އެމެރިކާގެ އެއާ ކޮލިޓީ އިންޑެކްސް (AQI) އިން ދިއްލީގެ ރީޑިން ހުރީ 581 ގައެވެ. މިއީ ލިސްޓުގެ ދެވަނައިގައި އޮތް އަވަށްޓެރި ޕާކިސްތާނުގެ ލާހޯރުގެ ރީޑިން ކަމަށްވާ 285 އާ އަޅާބަލާއިރު ދެގުނަ މަތީ އަދަދެކެވެ.

އައިކިއުއެއާއިން ވައިގެ ތެރޭގައި އެކުލެވޭ ވިހަ މާއްދާތައް މިންކުރުމަށް ތަފާތު މިންގަނޑެއް ބޭނުންކުރާއިރު، އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ ރަސްމީ މިންގަނޑުން ހެނދުނު 10:00 ގައި ދިއްލީގެ އިންޑެކްސް ހުރީ 363 ގައެވެ. މިއީ އެ ގައުމުގެ މިންގަނޑުން ބަލާއިރު "ވަރަށް ދަށް" ދަރަޖައެކެވެ. ރަސްމީ ހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ދިވާލީގެ ކުރިން ދިއްލީގެ ވައި މިހާ ބޮޑަށް ތަޣައްޔަރުވި ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރަކުވެސް ފިނި މޫސުން ފެށުމާއެކު އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި ވައި ތަޣައްޔަރުވުމަކީ އާންމު މައްސަލައެކެވެ. މި ދުވަސްވަރު ޖައްވުގައި އުފެދޭ ފިނި އަދި ބަރު ވައިގެ ސަބަބުން ދުއްވާ އެއްޗެހީގެ ދުމާއި، އިމާރާތްކުރުމުގެ މަސައްކަތްތަކުން އަރާ ހިރަފުހުގެ އިތުރުން ދަނޑުވެރިކަމުގެ ކުނި އެންދުމުން އުފެދޭ ދުންތައް މައްޗަށް ނުގޮސް ބިމާ ކައިރީގައި ހަރުލައި ހިފެހެއްޓެއެވެ.

އާދީއްތަ ދުވަހު ފާހަގަކުރާ ދިވާލީ އީދާ ދިމާކޮށް ގިނަ އަދަދަކަށް ހަވާއާއި ބަޑިބޭސް އެރުވުމުގެ ސަބަބުން، ކުރިއަށް އޮތް ގަޑިތަކުގައި ވައިގެ ސާފުމިންވަރު އިތުރަށް ގޯސްވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450