ދުނިޔެ

ސައޫދީން ސޫރިޔާއާއެކު ދިފާޢީ ގޮތުން އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައޫދީން ސޫރިޔާއާއެކު ދިފާޢީ ގޮތުން އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސޫރިޔާގެ ރައީސް އަޙްމަދު އައްޝަރަޢު އާއި ސައޫދީގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ނޮވެމްބަރު 2026، 09:23

05 ނޮވެމްބަރު 2026، 09:23

ސައޫދީ އަރަބިއްޔާއާއި ސޫރިޔާއާ ދެމެދު ދިފާޢީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ސޫރިޔާގެ އުމްރާނީ އަދި އިޖުތިމާޢީ ދާއިރާތައް އަލުން ބިނާކުރުމަށް ޓަކައި 403 މިލިއަން ޑޮލަރުގެ ލުއި ލޯނު ދިނުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. 

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ، މަހެއްހާ ދުވަހުގެ ތެރޭގައި ސޫރިޔާގެ ރައީސް އަޙްމަދު އައްޝަރަޢު ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ކުރެއްވި ދެވަނަ ދަތުރުފުޅުގައި، ބުދަ ދުވަހު ސައޫދީގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމަކީ ސޮއިކުރެވުނު ލިޔުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްބަސްވުމެވެ. ނަމަވެސް އެ އެއްބަސްވުމުގެ އިތުރު ތަފްޞީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ، ސައޫދީ އަރަބިއްޔާއާއި ތުރުކީ އަދި ޕާކިސްތާނުގެ މެދުގައި އޮތް ދިފާޢީ އިއްތިހާދުގައި ސޫރިޔާއިން ބައިވެރިވުމާ މެދު ވިސްނަމުންދާ ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްޢަދު އައްޝައިބާނީ ދާދިފަހުން ވިދާޅުވެފައި ވަނިކޮށެވެ. ބަޙްރައިންގައި ބޭއްވުނު މަނާމާ ޑައިލޮގްގައި އައްޝައިބާނީ ވިދާޅުވީ، މައްކާ އިއްތިހާދުގެ ތެރެއަށް ސޫރިޔާ ގުޅުމާ ގުޅޭގޮތުން މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ދިފާޢީ ގުޅުމުގެ އިތުރުން، ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ސޫރިޔާގެ ފިނޭންސް މިނިސްޓްރީއާއެކު ވެވުނު ހަ އެއްބަސްވުމެއްގެ ދަށުން، 403 މިލިއަން ޑޮލަރުގެ ލުއި ލޯނު އެހީ ސޫރިޔާއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސައޫދީގެ ރަސްމީ ޕްރެސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި މި އެހީގެ ތެރޭގައި ހިމެނެނީ ހަލާކުވެފައިވާ ޞިއްޙީ މަރުކަޒުތައް އަލުން ޢިމާރާތްކުރުމަށާއި ވަސީލަތްތައް ހޯދުމަށް 100 މިލިއަން ޑޮލަރާއި، ގެއްލުން ލިބިފައިވާ ބޯހިޔާވަހިކަން މަރާމާތުކުރުމަށް 60 މިލިއަން ޑޮލަރެވެ. 

އަދި ސިވިލް ޑިފެންސް ވަރުގަދަކުރުމަށް 105 މިލިއަން ޑޮލަރާއި، އަލެއްޕޯގެ ތާމަލް ޕަވަރ ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް 90 މިލިއަން ޑޮލަރުގެ އިތުރުން، ދިމިޝްޤާއި އިދްލިބްގެ ބޯފެނުގެ ނިޒާމު ތަރައްޤީކުރުމަށް 30 މިލިއަން ޑޮލަރު މި ލޯނު އެހީގެ ދަށުން ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. 

މީގެ އިތުރުން ސިނާޢީ، ދަނޑުވެރިކަމުގެ އަދި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތިން ފަހުމުނާމާއެއްގައި ވެސް ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.

ރިޔާޟުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ އިސްވެރިން ވަނީ ސަރަޙައްދީ ސަލާމަތީ މަސްރަޙާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، އަސްކަރީ ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން ސަރަޙައްދީ ސަލާމަތަށާއި، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށާއި، ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށާއި ދުނިޔޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ދެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. 

އަދި މަސްރަޙު ފިނިކުރުމަށާއި މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ގޮވާލައްވަމުން، ރަތްކަނޑާއި، ބާބުލްމަންދަބް އަދި ހޮރްމޫޒް ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވާ ފަދަ އެންމެހައި ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ވަނީ ބާރުއަޅުއްވާފައެވެ.

ޑިސެމްބަރު 2024 ގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު ރައީސް އައްޝަރަޢު ސޫރިޔާގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ސައޫދީ އަރަބިއްޔާއަކީ ސޫރިޔާ އަލުން އާރާސްތުކުރުމަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ އެއް ޤައުމެވެ. ދެ ލީޑަރުން އެންމެ ފަހުން އޮކްޓޯބަރު 6 ގައި ބޭއްވެވި ބައްދަލުވުމުގައި ވެސް ވަނީ، ހަލާކުވެފައިވާ އުމްރާނީ ވަސީލަތްތަކާއި އަސާސީ ޚިދުމަތްތައް އަލުން ބިނާކުރުމުގެ ޕްލޭންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450