ދުނިޔެ

އެމެރިކާއިން އިސްރާއީލަށް ދޭ 4 ބިލިއަން ޑޮލަރުގެ އެހީ ކަނޑާލުމަށް ނިންމައިފި

އެމެރިކާއިން އިސްރާއީލަށް ދޭ 4 ބިލިއަން ޑޮލަރުގެ އެހީ ކަނޑާލުމަށް ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 ނޮވެމްބަރު 2026، 09:21

04 ނޮވެމްބަރު 2026، 09:21

މި އަހަރަށް ފަހު އިސްރާއީލަށް އެމެރިކާއިން ދެމުން އަންނަ އަހަރީ 4 ބިލިއަން ޑޮލަރުގެ މާލީ އެހީ ހުއްޓާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކޮށްފިއެވެ. ނަމަވެސް، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް އެއް ބައިވެރިޔާ ކަމަށްވާ އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ މުއާމަލާތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް އަންގާރަ ދުވަހު ޓްރަމްޕް ވަނީ ބުނެފައެވެ.

ފޮކްސް ނިއުސްގެ "ފޮކްސް އެންޑް ފްރެންޑްސް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އިސްރާއީލަށް މިހާރު އެ ފައިސާ ބޭނުން ނުވާ ކަމަށާއި އެހީ ކަނޑާލުމަށް ނިންމީ މީގެ މަސްތަކެއް ކުރިން ކަމަށެވެ. އަދި މި އަހަރު ނިމުމުން އިސްރާއީލަށް ފައިސާ ނުދޭނެ ކަމަށާއި، އެހެން ނަމަވެސް އެ ގައުމުން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކޮންގްރެސްގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީއަށް ގެއްލިދާނެ ކަމަށް ބެލެވޭ މިޑްޓާމް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް ޓްރަމްޕް ކުރި މި އިއުލާނަކީ، ވޯޓުލާ ދުވަހާ ދިމާކޮށް ސިޔާސީ މަންފާއަކަށްޓަކައި ޓްރަމްޕް ރޭވި އުކުޅެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

އެމެރިކާގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޣައްޒާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް އޮތް ތާއީދު އާންމުންގެ މެދުގައި ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

އިސްރާއީލަށް އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް އެމެރިކާއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 2028 ގެ ނިޔަލަށް އޮތް ނަމަވެސް، މި އަހަރު ނިމުމުން އެ ފައިސާ ދިނުން މެދުކަނޑާލާނެ ގޮތުގެ އެއްވެސް ތަފްސީލެއް ޓްރަމްޕް ހާމައެއް ނުކުރެއެވެ. މީގެ އިތުރުން އީރާނާ ދެކޮޅަށް ދެ ގައުމުން އަދިވެސް ހަނގުރާމައިގެ ހާލަތެއްގައި އޮތް ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް އައުމަކީ އެމެރިކާ-އިސްރާއީލުގެ ގުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ.

އޮކްޓޯބަރު 27 ގައި ބޭއްވި އިންތިޚާބަށް ފަހު އިސްރާއީލުގެ ސިޔާސީ މަސްރަޙު ވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ނަތަންޔާހޫއަށް ސަރުކާރު ހިންގުމުގެ އަޣުލަބިއްޔަތު ގެއްލި، އާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، މި ނިންމުމާ ގުޅިގެން އިސްރާއީލުގެ އިދިކޮޅު ލީޑަރު ގާދީ އައިސެންކޯ ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450