ދުނިޔެ

އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ 'ޕިކްއެކްސް' އަށް ހަމަލާދޭން ޖެހިދާނެ: ޓްރަމްޕް

އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ 'ޕިކްއެކްސް' އަށް ހަމަލާދޭން ޖެހިދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ނޮވެމްބަރު 2026، 10:33

03 ނޮވެމްބަރު 2026، 10:33

އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި، އެ ޤައުމުގައި ބިމުގެ އަޑީގައި ހުރި ކަމަށް ޝައްކުކުރެވޭ ނިއުކްލިއާ ކޮމްޕްލެކްސެއް ކަމަށްވާ "ޕިކްއެކްސް މައުންޓަން" އަށް އެމެރިކާއިން ހަމަލާދޭން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އެމެރިކާއިން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް އެ މަރުކަޒަށް ހަމަލާދެވިދާނެ ކަމަށެވެ. އަދި އީރާނާއެކު އަލުން ހަނގުރާމައެއް ފެށުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަމުން އޭނާ ބުނީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ. ނަމަވެސް އީރާނުން ވެސް އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި، އެއްބަސްވުމަކަށް އާދެވިއްޖެނަމަ އެތައް ބައެއްގެ ފުރާނަ ސަލާމަތްވާނެތީ އޭނާ އިސްކަންދެނީ މަޝްވަރާގެ މަގަށް ކަމަށް ބުންޏެވެ. 

ޓްރަމްޕް މި އިންޒާރު ދީފައިވަނީ ހޮރްމުޒް ކަނޑުއޮޅީގައި ހުރި އީރާނުގެ އަމާޒުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން "ދިފާއީ ގޮތުން" ހަމަލާތަކެއް ދިންތާ ކުޑައިރުކޮޅެއް ފަހުންނެވެ. މި ހަމަލާތައް ދީފައި ވަނީ އެމެރިކާގެ ވަސީލަތްތަކަށް އަމާޒުކޮށް ފޮނުވާ މިސައިލްގެ ނުރައްކާ ކުރިމަތިވުމާއި ގުޅިގެން ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވާއިރު، އީރާނުގެ ގޭޝްމް ރަށުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 0.5 އިންސައްތަ (48 ސެންޓް) މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 105.25 އެމެރިކާ ޑޮލަރަށް އަރާފައެވެ.

މި ހަމަނުޖެހުންތައް ހިނގަމުންދާއިރު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުނީ އީރާނާއެކު ނުސީދާކޮށް ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެއްވެސް އެއްބަސްވުމަކަށް އައުމުގެ ކުރިން އެމެރިކާއިން ކަނޑުމަގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން، އީރާނުން ޔަމަނުގެ ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި ޔަމަނުގެ ސަރުކާރުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ. 

އަދި ހަމައެއާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ދޫރާ އަވަށުން އަލްޖަޒީރާގެ މުރާސިލު މުންތަސިރު ނައްސާރުގެ ގެއަށް އިސްރާއީލު ސިފައިން ވަދެގަނެ، އޭނާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450