ޚަބަރު
ދެވަނަ ނިއޯކެއަރ ކޮންފަރެންސް ފަށައިފި
ދެވަނަ ނިއޯކެއަރ ކޮންފަރެންސް. ފޮޓޯ: ޕީއެސްއެމް
އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއާ ގުޅޭގޮތުން ބާއްވާ ނިއޯނޭޓަލް (ނިއޯކެއަރ) ކޮންފަރެންސް ރަސްމީކޮށް ފަށައިފިއެވެ. މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ.
މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގެ ތެރޭގައި އެކަމަނާ ވަނީ ފުރަތަމަ ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބުލެޓިން ވެސް ނެރެދެއްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާ ބިނާވަނީ ހަމައެކަނި އެންއައިސީޔޫގައި ދެވޭ ފަރުވާއަށް ނޫން ކަމަށާއި، މުޅި ހޮސްޕިޓަލުގެ ސިއްޙީ ފަރުވާ އެކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސުން ފެށި މި މަސައްކަތުން ތަޖުރިބާ ހިއްސާކޮށް، ޕްރޮފެޝަނަލްކޮށް ކަންކަން ކުރުމަށް ބާރުއަޅާ، ވަރަށް ނާޒުކު އަދި އެހާމެ މުހިއްމު މި ދާއިރާއަށް ބޭނުންވާ ސަމާލުކަން ލިބިގެން މިދިޔައީ. މިއަހަރު ނިއޯކެއާގެ ގޮތުގައި ފެށިގެން މިދިޔައީ މަލްޓިޑިސިޕްލިނަރީ ޕްލެޓްފޯމެއްގައި މިކަމާގުޅޭ މަޝްވަރާތައް ކުރެވޭނެހެން،"
ސީއީއޯ ވިދާޅުވިއެވެ.
މީގެއިތުރުން، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕޭއިޑެން ދެއްކެވި ވާހަކަފުޅުގައި، ސިއްޙީ ދާއިރާއިން ރާއްޖެއިން ކުރިއެރުން ހޯދަމުންދާކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ދަރިމައިވުމުގެ ދާއިރާއިން ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ފެންވަރުގައި ރާއްޖެއިން މުހިއްމު ކާމިޔާބީތަކެއް ހޯދާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެއެވެ.