ދުނިޔެ
އޭއައި ބޭނުންކޮށްގެން އުފައްދާ ލަވަތައް މިއުޒިކް ޗާޓުތަކުން މަނާކޮށްފި
އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)
އޮސްޓްރޭލިއާގެ ރަސްމީ މިއުޒިކް ޗާޓުތަކުގައި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މުޅިން ނުވަތަ ބޮޑުބައެއް އުފައްދާފައިވާ ލަވަތައް ހިމެނުން މަނާކޮށްފިއެވެ. މި ހަފްތާއިން ފެށިގެން އަމަލުކުރަން ފެށި އައު އުސޫލުގެ ދަށުން، ޗާޓުތަކަށް ޝަރުތުހަމަވާނީ މައިގަނޑު ގޮތެއްގައި އިންސާނުންގެ އަމިއްލަ މަސައްކަތުން އުފައްދާފައިވާ ލަވަތަކެވެ.
އޮސްޓްރޭލިއަން ރެކޯޑިންގ އިންޑަސްޓްރީ އެސޯސިއޭޝަން އިން ބުނި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ފަންނުވެރިކަމުގައި އިންސާނުންގެ ދައުރު ކުރިއެރުވުމެވެ. މިއީ ތާރީޚުގައި ވެސް މިއުޒިކްގެ ދާއިރާގައި ވާދަވެރިކަން އެންމެ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އިންސާނީ ހުނަރެއް ނެތި އޭއައި އިން އުފައްދާ މިއުޒިކް ޕްރޮމޯޓްކުރުމުގެ ޝައުގުވެރިކަމެއް ނެތުމުން ނިންމި ނިންމުމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ، މަޝްހޫރު ލަވަކިޔުންތެރިޔާ މަޑޯނާގެ "ލައިކް އަ ޕްރޭޔަރ" އަސްލަކަށް ބަލައިގެން އޮސްޓްރޭލިއާގެ ޑީޖޭ ޖޮޝް ފަވާޒް އުފެއްދި ކަވަރ ލަވައަކާ ގުޅިގެން އުފެދުނު ބޮޑު ބަހުސަކަށް ފަހުގައެވެ. މި ލަވަ ވަނީ އޭރިއާ ޑާންސް ސިންގަލްސް ޗާޓުގެ އެއްވަނަ އަދި މުޅި ގައުމުގެ ޗާޓުގެ ދެވަނަ ހޯދައި، ރޭޑިއޯތަކުންނާއި ސްޕޮޓިފައިގައި 48 މިލިއަނަށް ވުރެ ގިނަ ފަހަރު ސްޓްރީމްކޮށްފައެވެ. ނަމަވެސް، އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ފަވާޒް ވަނީ އެ ލަވަ އުފެއްދުމުގައި ޖެނެރޭޓިވް އޭއައި ބޭނުންކޮށްފައިވާކަން ހާމަކޮށްފައެވެ.
އައު އުސޫލުތައް ބުނާގޮތުން، ލަވަ އުފެއްދުމުގައި އެހީތެރިއެއްގެ ގޮތުން އޭއައި ބޭނުންކުރެވިދާނެއެވެ. އެގޮތުން މާސްޓަރިންގ ހެދުމަށާއި، ޑްރަމް މެޝިން އަދި އޮޓޯ-ޓިއުން ފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ. އެހެންނަމަވެސް، ލަވައިގެ ޅެން ލިޔުމާއި، މައިގަނޑު އަޑު (ވޯކަލްސް) އަދި މައިގަނޑު މިއުޒިކީ އާލާތްތައް ކުޅެފައި ހުންނަންވާނީ އިންސާނުންނެވެ.
އޭރިއާގެ ޗީފް އެގްޒެކެޓިވް އެނަބެލް ހާޑް ވިދާޅުވީ، ފަންނާނުން މިހާރުވެސް މަސައްކަތްތަކުގައި އޭއައި ޓޫލްސް ބޭނުންކުރަމުން އަންނަ ކަމަށާއި، އެކަމަށް ޗާޓުތަކުން ޖާގަ އޮންނަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެހެން ފަންނާނުންގެ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ހަމައެކަނި އޭއައި އިން އުފައްދާ މިއުޒިކަށް ހިތްވަރު ދިނުމަކީ ރެކޯޑިންގ އިންޑަސްޓްރީގެ އަސްލު ގެއްލިގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އުސޫލުގެ ދަށުން، ޗާޓަށް ހުށަހަޅާ ލަވަތަކުގައި އޭއައި ބޭނުންކޮށްފައިވާ މިންވަރު ފަންނާނުން ހާމަކުރަންޖެހޭނެއެވެ. އަދި ފަހުންވެސް ލަވައަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން އެނގިއްޖެނަމަ، ޗާޓުގައި އޮތް މަގާމު ބަދަލުކުރުމާއި، އެއްވަނަ ހޯދައިގެން ދީފައިވާ އެވޯޑުތައް އަނބުރާ ހޯދުމުގެ ބާރު އޭރިއާއަށް ލިބިގެންވެއެވެ.
މި އަހަރުގެ ކުރީކޮޅު ސްވިޑަންގެ ޗާޓުތަކުން ވެސް ވަނީ އޭއައި ލަވައެއް މަނާކޮށްފައެވެ. އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ފޮނޮގްރަފިކް އިންޑަސްޓްރީ (އައިއެފްޕީއައި) އިން ވެސް އަންނަނީ މިފަދަ ގައިޑްލައިންތައް ލެޓިން އެމެރިކާ، މެދުއިރުމަތި، އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތައާރަފްކުރަމުންނެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު އިލެކްޓްރޯނިކް ބޭންޑް "ޕީކިންގ ޑަކް" ފަދަ ގިނަ ފަންނާނުން ވަނީ މި ނިންމުމަށް ތާއީދުކޮށްފައެވެ. އެ ބޭންޑުގެ މެންބަރު އެޑަމް ހައިޑް ބުނި ގޮތުގައި އޭއައި މިއުޒިކުގެ ސަބަބުން ދިރިއުޅުމުން އިންސާނީ އިހުސާސްތައް ފޮހެވިގެންދެއެވެ.
މީގެއިތުރުން، މި އަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ފަންނުވެރިންގެ މަސައްކަތްތައް އޭއައި ޓްރެއިން ކުރުމަށް ހުއްދައަކާ ނުލައި ބޭނުންކުރުމަކީ "ވައްކަމެއް" ގެ ގޮތުގައި ސިފަކުރައްވައި، އޮސްޓްރޭލިއާގެ ފަންނުވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.