Ads by Farudhun

ޚަބަރު

އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިކްލަރޭޝަނާ ނުލައި ގެނެވޭ މިންވަރަށް ލުއިތަކެއް ދީފި

އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިކްލަރޭޝަނާ ނުލައި ގެނެވޭ މިންވަރަށް ލުއިތަކެއް ދީފި

ސިނގެރޭޓް ފޮށްޓެއް - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 އޯގަސްޓު 2026، 10:39

25 އޯގަސްޓު 2026، 10:39

ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ފަރާތްތަކުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބައެއް ބާވަތްތައް، އިތުރު ގުޑްސް ޑިކްލަރޭޝަނެއް ހުށަހެޅުމަކާ ނުލައި ރާއްޖެ އެތެރެކުރެވޭ ގޮތަށް އުސޫލު އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް އެތެރެކުރާ ތަކެތީގެ އިތުރުން ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގައިވާ ގޮތުން، ޑިކްލަރޭޝަނަކާ ނުލައި ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ހުއްދަ ލިބިގެންވަނީ އުމުރުން 21 އަހަރު ފުރިފައިވާ ދަތުރުވެރިންނަށެވެ.

އަލަށް ގެނެވުނު އުސޫލުގެ ދަށުން ގުޑްސް ޑިކްލަރޭޝަނަކާ ނުލައި އެތެރެކުރުމުގެ ހުއްދަ އޮންނާނީ:

  • ހީޓަޑް ޓޮބޭކޯ ހިމެނޭ ގޮތަށް 200 ސިނގިރޭޓް، ނުވަތަ
    20 ސުއްޓާ، ނުވަތަ
    އިތުރު އެއްވެސް ބަދަލެއް ނުގެނެސް ހިއްކާފައި ހުންނަ ދުންފަތް ގަހުގެ ފަތުގެ 100 ގްރާމެވެ.
  • ސިނގިރޭޓާއި ސުއްޓާ ފިޔަވައި އެހެނިހެން ދުންފަތުގެ ބާވަތްތައް ދޫކުރާނީ ގްރާމުން ކިރުމަށްފަހު ކަމަށާއި، މިގޮތުން ދޫކުރެވޭނެ އެންމެ މަތީ މިންވަރަކީ 100 ގްރާމް ކަމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

އަމިއްލައަށް ސިނގިރޭޓް ނުވަތަ ބިޑި އޮޅައިގެން ބޯން ބޭނުންކުރާ ރޯލިންގ ޓޮބޭކޯ އެތެރެކުރާ ފަރާތްތަކަށް، އެއާ ގުޅުންހުރި ބައެއް ސާމާނު ވެސް ޑިކްލަރޭޝަނަކާ ނުލައި ގެނައުމުގެ ހުއްދަ ވަނީ ދީފައެވެ. އޭގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް އެނބުރޭ ގޮތަށް ހުންނަ ކުދި މެނުއަލް ޕޯޓަބަލް މެޝިނަކާއި، ނޯޅާ ހުންނަ 50 ސިނގިރޭޓް ކަރުދާހާއި، 50 ފިލްޓަރު އަދި ސިނގިރޭޓް އަނބުރަން ބޭނުންކުރާ 50 ހުސް ޓިއުބު ނުވަތަ ޕައިޕް ހިމެނެއެވެ. ނަމަވެސް، ފިލްޓަރާއެކު އަދި ފިލްޓަރު ނުލައި ހުންނަ ހުސް ޓިއުބު ނުވަތަ ޕައިޕް ބޭނުންކުރާ ހާލަތްތަކުގައި ބައެއް ތަކެތި ދޫނުކުރެވޭނެ އުސޫލުތައް ވެސް ވަނީ ތަފްސީލުކޮށްފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހަވާލާދީ މި އުސޫލުގައި ބަޔާންކޮށްފައިވަނީ، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް މިފަދަ އެއްވެސް އެއްޗެއް ދޫނުކުރެވޭނެ ކަމަށެވެ. އަދި އީ-ސިނގިރޭޓާއި، ޝީޝާއާއި، ފްލެވަރޑް ސިނގިރޭޓު އަދި އީ-ލިކުއިޑް ފަދަ ތަކެއްޗަށް މި އުސޫލުގެ ދަށުން އެއްވެސް ޑިއުޓީ އިނާޔަތެއް ނުލިބޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450