ޚަބަރު
އެންމެ ބޮޑު ވަޤްފު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި
މި ވަޤުފް އިމާރާތުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަން (އާރް.ސީ.ސީ.)އާ ސަރުކާރުން ހަވާލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި އިމާރާތް ބިނާކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646)ގައެވެ.
12 ފަންގިފިލައަށް ނެގުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤުފް ޢިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމުކުރެވޭ ބިނާއެކެވެ. ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްޞަ ޕާކިންގ ސަރަޙައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު، ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިންގ ވަސީލަތްތަކެވެ.
ދާރުއްސަލާމް ވަޤުފް ބިލްޑިންގގެ އެންމެ ތިރީ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ވިޔަފާރިތަކަށެވެ. އަދި 3 ވަނަ ފަންގިފިލާއިން ފެށިގެން 12 ވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ ޒަމާނާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ އޮފީސް ޖާގަތަކާއި، ނަމާދުކުރާ ތަންތަނުގެ އިތުރުން ބައްދަލުވުންތައް ބާއްވާ ކޮޓަރިތަކެވެ. މީގެއިތުރުން، އިމާރާތުގެ 2 ވަނަ ފަންގިފިލާއާއި 11 ވަނަ ފަންގިފިލާގައި ތަފާތު ބޭނުންތަކަށް ޚިދުމަތްދެވޭނެ ފަދަ ޒަމާނީ މަލްޓި-ޕަރޕަސް ހޯލެއް ގާއިމުކުރެވޭއިރު، އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ތަރައްޤީކުރެވެނީ ހާމަ ޓެރަސްއެއްގެ ގޮތުގައެވެ.
ޖުމްލަ 244,508,842.00 ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ އެންމެހައި މަސައްކަތްތައް ނިންމާލުމަށް ތާވަލުކޮށްފައިވަނީ 2 އަހަރު ނުވަތަ 24 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފެށުން@MMuizzu @presidencymv @Mohamedshaheem1 pic.twitter.com/SeSQnMFTuU
— Ministry of Islamic Affairs & Endowments (@MVIaffairs) August 24, 2026
މި މަސައްކަތް ފުރިހަމަވުމުން އިސްލާމީ ދާއިރާގެ މާލީ ހާލަތް ކުރިއަރައިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. މިގޮތުން، ކޮންމެ އަހަރަކު ވެސް މި އިމާރާތުން ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން %20 މޯލްޑިވްސް ޒަކާތު ހައުސްއަށް ޚާއްޞަކުރެވޭއިރު، ބާކީވާ %80 ޖަމާކުރެވޭނީ އިސްލާމިކް ވަޤުފް ފަންޑަށް ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ.
މާލެ ސަރަހައްދުގެ އިތުރުން ވެސް، ރާއްޖޭގެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭހެން، އެކި ސަރަހައްދުތަކުގައި ވަޤުފް އިމާރާތްތައް ބިނާކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މި އިމާރާތްތަކުން ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކަށެވެ.