ޚަބަރު
މާލޭ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މި ހާދިސާ ހިނގާފައިވާ ސަރަހައްދު. ފޮޓޯ: އެންޑީއެމްއޭ
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މއ. ދޫގަސް ގޭގައެވެ. ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދުގެ ފަތިހު 5:27 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާއާ ގުޅިގެން 4 ބިދޭސީންނަށް އަނިޔާވެ މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.