Ads by Farudhun

ޚަބަރު

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް: ވަޒީރު އިރުތިޝާމް

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް: ވަޒީރު އިރުތިޝާމް

ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް ޢާދަމް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޯގަސްޓު 2026، 05:30

23 އޯގަސްޓު 2026، 05:30

ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް ޢާދަމް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ރާއްޖެއިން މަސައްކަތްކުރަމުން ދަނީ ބައިނަލްއަޤުވާމީ ދުނިޔެއާ އޮންނަ ގުޅުން ބަދަހިކޮށް، ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އަޑު އުފުލައި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ކަމަށެވެ. ޚާއްސަކޮށް، ކުދި ޖަޒީރާ ޤައުމުތަކާ ގުޅުންހުރި ކަންކަމުގައި ރާއްޖެއިން އަދާކުރަމުންދާ އިސް ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކާމިޔާބުކަމާއެކު ވަކާލާތުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ޤައުމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އުއްމީދުތައް ގުޅިފައިވަނީ ކާމިޔާބު މުސްތަޤްބަލަކާއި. އެކަން އެކަނި ނުކުރެވޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެ އަމާޒަށް ވާސިލްވާން ޤައުމުތަކުން އެކުގައި މަސައްކަތްކުރުން މުހިންމު

      ޚާރިޖީ ވަޒީރު 

ވަޒީރު އިތުރަށް ވިދާޅުވީ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކޮށް، އެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި މައްސަލަތައް ހައްލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެ ޤައުމުތަކުން ދައްކަމުންދަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދުގެ ކުރިއަށް އޮތް ހަރުފަތަކީ ޑިޖިޓަލައިޒޭޝަން ކަމަށެވެ. މީގެއިތުރުން ދެމެހެއްޓެނެވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށާއި، ފެހި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މި ފޯރަމްގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް އިންވެސްޓަރުން ހޯދުމަށާއި، ގުޅިގެން މަސައްކަތްކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ މެސެޖަކީ ކުދި ޖަޒީރާ ޤައުމުތަކަކީ ލައިބަލިޓީއެއް ނޫންކަން. އެއީ ރަނގަޅު އިންވެސްޓްމެންޓެއް. ރާއްޖެ އޮތީ އީޖާބީ ފުރުސަތުތަކަށް ތައްޔާރަށް

       ވަޒީރު 

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ އިޤްތިޞާދެއް ނަމަވެސް، މިއީ އިންވެސްޓަރުންނަށް ޝައުޤުވެރި މާޙައުލެއް އޮތް ޤައުމެއް ކަމަށެވެ. އަދި ދެމެހެއްޓެނެވި ތަރައްޤީގެ މަގުގައި ކުރިއަށް ދިއުމަށްޓަކައި އުފެއްދުންތެރި، އީޖާދީ ގޮތްތައް ބޭނުންވާ ކަމަށާއި، އެކަން ޙާޞިލުވާނީ ބައިނަލްއަޤްވާމީ ފެންވަރުގައި އެކުގައި މަސައްކަތްކޮށް، ފައިދާހުރި އިންވެސްޓްމަންޓްތައް ޤައުމަށް ގެނެސްގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450