ދުނިޔެ

ޣައްޒާގައި ސަލާމަަތްވި ކުދިންގެ ހިތްވަރާއި ސާބިތުކަން, މުޅި އާއިލާ ގެއްލި ދިރިއުޅުމާ ކުރިމަތިލަނީ އެކަނި

ޣައްޒާގައި ސަލާމަަތްވި ކުދިންގެ ހިތްވަރާއި ސާބިތުކަން, މުޅި އާއިލާ ގެއްލި ދިރިއުޅުމާ ކުރިމަތިލަނީ އެކަނި

ޣައްޒާގެ ޓެންޓެއްގައި ދިރިއުޅޭ ތުއްތު ކުއްޖެއް ފޮޓޯ: އަލްޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޯގަސްޓު 2026، 03:08

23 އޯގަސްޓު 2026، 03:08

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން، މުޅި އާއިލާ ގެއްލި އެކަނިމާއެކަނި ދިރިއުޅުމުގެ ހިތާމަވެރި ތަޖުރިބާތަކާ ކުރިމަތިލާން ޖެހިފައިވާ އެތައް ހާސް ކުދިންނެއްގެ ހިތްދަތި ވާހަކަތައް ފެންމަތިވެއްޖެއެވެ.

އުމުރުން އެންމެ 13 އަހަރުގެ ޖަނާ އަލް-މަތޫޤް ކޮންމެ ދުވަހަކު ހޭލަނީ އެކަންޏެވެ. ކުރިން މަންމަ ކޮށްދިން ހުރިހާ ކަމެއް,ސައި ތައްޔާރުކުރުމާއި، އެއްޗެހި ދޮވުމާއި، ސްކޫލަށް ދިއުމުގެ ތައްޔާރީތައް,މިއަދު އޭނާ ކުރަންޖެހެނީ އަމިއްލައަށެވެ. މިއީ 17 ނޮވެމްބަރު 2023 ގައި އިސްރާއީލުން ޖަބަލިޔާގައި ހުރި އޭނާގެ ގެއަށް ދިން ބޮމުގެ ހަމަލާގައި މައިންބަފައިންނާއި، އެއްމާބަނޑު ކޮއްކޮ އަދި ހަގަށް ތިބި ދެ ކޮއްކޮގެ އިތުރުން އާއިލާގެ 35 މީހުން ޝަހީދުވުމާ ގުޅިގެންނެވެ. އެރޭ މާމަ ގޭގައި ނިދަން ދިޔުމުގެ ސަބަބުން ސަލާމަތްވި ޖަނާ މިއަދު ދިރިއުޅެނީ ފޭލިގެއެއްގައެވެ.

ފަލަސްތީނުގެ ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޣައްޒާގައި އާއިލާއިން ހަމައެކަނި އެކަކު ސަލާމަތްވި މީހުންނާއި ކުދިންގެ އަދަދު 68،000 އަށް ވުރެ މައްޗަށް އަރައެވެ. އަދި 75،000 އަށް ވުރެ ގިނަ ކުދިން ވަނީ ޔަތީމުވެފައެވެ. މި ހާލަތުގެ ނުރައްކާތެރިކަމުން، ޣައްޒާގެ ހޮސްޕިޓަލްތަކުގައި "ޒަޚަމްވެފައިވާ، އެއްވެސް އާއިލާއެއް ނެތް ކުއްޖާ" ނުވަތަ 'WCNSF' ގެ ނަމުގައި ޚާއްސަ ލޭބަލެއް ވެސް ދަނީ ބޭނުންކުރަމުންނެވެ.

އުމުރުން 18 އަހަރުގެ ދީމާ ޖުނީނާ އަކީވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ތަހައްމަލުކުރި ކުއްޖެކެވެ. 30 އޮކްޓޫބަރު 2023 ގައި ދިން ހަމަލާއެއްގައި އޭނާގެ މައިންބަފައިންނާއި ތިން ކޮއްކޮ ވަނީ ޝަހީދުވެފައެވެ. ދީމާ ބުނި ގޮތުގައި އެ ހާދިސާއަށްފަހު އޭނާ ޖެހުނީ "އެކެއްގެ ހަށިގަނޑުގައި ފަސް މީހުންގެ ޒިންމާ" އުފުލާށެވެ. އެހެން ނަމަވެސް، މީހުން އޭނާއަށް ހަމްދަރުދީވެ، ތަފާތު ގޮތަކަށް ދެކުމަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ އެދެނީ އާދައިގެ އިންސާނެއްގެ ގޮތުގައި މީހުން އޭނާއާ މެދު މުއާމަލާތް ކުރުމަށެވެ.

ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ ކުދިންގެ ކިބައިން "ސަވައިވަރ ގިލްޓް" ނުވަތަ އެހެން މީހުން މަރުވެފައި ތިމާ ސަލާމަތްވުމުން އުފެދޭ ކުށްވެރިކަމުގެ އިހުސާސް ވަރަށް ބޮޑަށް ފެނެއެވެ. ޖަނާ ވެސް ފާހަގަކުރި ގޮތުގައި އެވަގުތު އާއިލާއާއެކު އޭނާވެސް މަރުވިނަމައޭ ހިތަށް އެރިއެވެ.

މި ހުރިހާ ހިތްދަތިކަމެއްގެ ތެރޭގައިވެސް މި ކުދިން އުއްމީދު ގެއްލުވައެއް ނުލައެވެ. ޖަނާ ދަނީ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ދީމާ ބޭނުންވަނީ އޭނާގެ އާއިލާގެ ހަނދާނުގައި ދާއިމީ ޞަދަޤާތެއްގެ ގޮތުގައި ފެންވަޅެއް ބެހެއްޓުމަށެވެ. މި ކުދިން މުޅި ދުނިޔެއަށް ގޮވާލަނީ އެހެން ކުދިންނެކޭ އެއްފަދައިން ބިރުވެރިކަމެއް ނެތް އަމާން ދިރިއުޅުމަކަށާއި، ތަޢުލީމު އުނގެނުމުގެ އަސާސީ ހައްގު އެ ކުދިންނަށްވެސް ހޯދައިދިނުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450