Ads by Farudhun

ޚަބަރު

އެމް.އެމް.އޭ ސަރަހައްދުގައި ޤާއިމުކުރި ޕަމްޕް ސްޓޭޝަން ބޭނުންކުރަން ފަށައިފި

އެމް.އެމް.އޭ ސަރަހައްދުގައި ޤާއިމުކުރި ޕަމްޕް ސްޓޭޝަން ބޭނުންކުރަން ފަށައިފި

އެމް.އެމް.އޭ ސަރަހައްދުގައި ޤާއިމުކުރި ޕަމްޕް ސްޓޭޝަން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޯގަސްޓު 2026، 10:04

17 އޯގަސްޓު 2026، 10:04

އެމް.އެމް.އޭ ސަރަހައްދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ޤާއިމުކުރޮ ޕަމްޕް ސްޓޭޝަނުގެ މަސައްކަތް ނިންމުމަށްފަހު ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ތެރެއިން، މަސްވެރިންގެ ޕާކު ސަރަހައްދާއި، އެމްއެމްއޭ ސަރަހައްދުގައި ޤާއިމުކުރި ޕަމްޕް ސްޓޭޝަން ޓެސްޓުކޮށް، ކާމިޔާބުކަމާއެކު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

އެ ކުންފުނިން ފާހަގަކުރި ގޮތުގައި މި ޕަމްޕުތަކުގެ އެހީގައި، ވިއްސާރައިގައި މަގުމަތީގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ކުރިއަށްވުރެ އަވަހަށް ފެން ހިންދުމުގެ މަސައްކަތްކުރެވޭނެއެވެ. މި މަޝްރޫއުގައި ޖުމްލަ ތިން ޕަމްޕު ސްޓޭޝަން ޤާއިމުކުރުމަށް ނިންމާފައިވާއިރު، ނޯތު ހާބަރުގައި ހަދާ ސްޓޭޝަންގެ އެންމެ ފަހުގެ މަސައްކަތްތައް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. 



މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކޮށްފައިވާ ސަރަހައްދުގައި ޒީނަތްތެރިކުރުމުގެ ގޮތުން ދިވެހި ރުއް އެމްޓީސީސީއިން ވަނީ އިންދާފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން، ނޯތު ހާބަރާއި ހަމައަށް މިހާރު ވަނީ ރުއްތައް އިންދާފައެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންގޮސްފައިވާ މަޝްރޫއެކެވެ. 

މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450