ދުނިޔެ

އީރާނުގެ ހަމަލާއަށް ބިރުން ބޯޓު ބަދަލުކުރަން ޓްރަމްޕް ކޭޓަރިންގް ޓްރަކަކަށްލައިފި

އީރާނުގެ ހަމަލާއަށް ބިރުން ބޯޓު ބަދަލުކުރަން ޓްރަމްޕް ކޭޓަރިންގް ޓްރަކަކަށްލައިފި

އެމެރިކާ ރައީސް ޓްރަމްޕް ބޯޓުން ބާލައިގެން އެރުވި ކޭޓާރިންގ ޓްރަކް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2026، 03:35

11 އޯގަސްޓު 2026، 03:35

މިދިޔަ މަހު ތުރުކީގެ އަންކާރާގައި ބޭއްވުނު ނޭޓޯ ސަމިޓަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ ތެރޭގައި، އީރާނުން ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރު ގޮތަކަށް މަތިންދާބޯޓު ބަދަލުކުރައްވާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީވީ ކެމެރާތަކުގެ ކުރިމަތީގައި ޓްރަމްޕް އެއަރ ފޯސް ވަން އަށް އަރައިވަޑައިގަތުމަށްފަހު، ކޭޓަރިންގް ޓްރަކެއްގެ އެހީގައި ވަނީ ސިއްރުން އަސްކަރީ އެހެން ބޯޓަކަށް ބަދަލުކުރެވިފައެވެ. މިކަން ކޮށްފައިވަނީ ބޯޓުގައި ތިބި ނޫސްވެރިންނަށާއި ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނަށްވެސް ނޭނގޭ ގޮތަށެވެ.

ސީ.ބީ.އެސް ނިއުސްއަށް މައުލޫމާތު ދިން އޮފިޝަލުން ބުނި ގޮތުގައި، މިގޮތަށް ކަންތައް ކުރަން ޖެހުނީ ޓްރަމްޕް ދަތުރުކުރައްވާ ބޯޓަށް އީރާނުން މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ސައްހަ މައުލޫމާތު އެމެރިކާގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެންނެވެ. ނޭޓޯ ސަމިޓުގެ ތެރޭގައި ޓްރަމްޕް ވަނީ އޭނާއަކީ އީރާނުގެ "ނަމްބަރ ވަން އަމާޒު" ކަމަށް ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ތުރުކީން ފުރާވަޑައިގަތުމަށް ޓްރަމްޕް އެއަރ ފޯސް ވަން އަށް އަރައިވަޑައިގަތުމަށްފަހު، ބޯޓުގެ އަނެއް ފަރާތުން ކޭޓަރިންގް ޓްރަކެއް މަތިކޮށް، އޭގެ އެހީގައި ކުޑަ އަސްކަރީ ބޯޓެއް ކަމަށްވާ C-32A އަށް ބަދަލުވެވަޑައިގަތެވެ. ހަމަ އެވަގުތު އެއަރ ފޯސް ވަންގައި ތިބި ނޫސްވެރިންނަށް ވަނީ ބޯޓުގެ ކުޑަދޮރުތަކުގެ ފޮތިތައް ދަމާފައި ބެހެއްޓުމަށް އަންގާފައެވެ.

އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ އަލުން ކުރީގެ އެއަރ ފޯސް ވަން އަށް ބަދަލުވެވަޑައިގެންފައެވެ. އަދި އެނބުރި ވޮޝިންޓަނަށް ވަޑައިގަތީ ގަތަރުން ހަދިޔާކޮށްފައިވާ އާ ބޯޓުގައެވެ. ދަތުރުމަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ފުރާނައަށް އަބަދުވެސް ނުރައްކާ އޮންނަ ކަމަށާއި، އީރާނުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އޭނާގެ ނަން ކަމަށެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ ސްޓީވަން ޗަންގް މި ރިޕޯޓުތައް ސީދާ ދޮގުކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ އާ އެއަރ ފޯސް ވަން އަކީ ރައީސާއި މުވައްޒަފުންގެ ސަލާމަތަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވާ ބޯޓެއް ކަމަށެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ އާ ބޯޓަކީ ރައްކާތެރި ބޯޓެއް ކަމަށާއި، ނަމަވެސް ކުރިއަށް އޮތް އޮޓަމް މޫސުމުގައި އިތުރު ސަލާމަތީ ވަސީލަތްތައް އެ ބޯޓުގައި ގާއިމުކުރެވޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450