ދުނިޔެ

ބައްޝާރުލް އަސަދާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން މަރަން ހުކުމްކޮށްފި

ބައްޝާރުލް އަސަދާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން މަރަން ހުކުމްކޮށްފި

ކޯޓުން ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2026، 03:20

11 އޯގަސްޓު 2026، 03:20

ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރަށް ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ކުށް ސާބިތުވެ، އެގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި، އޭނާގެ ކޮއްކޮ މާހިރުލް އަސަދުގެ އިތުރުން ދެބެންގެދެދަރި ކޮއްކޮ އާތިފް ނަޖީބު މަރަން ސޫރިޔާގެ ކޯޓުން ހުކުމްކޮށްފިއެވެ.

ދިމިޝްގުގެ ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އިއްވި މި ތާރީޚީ ހުކުމްގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމުން ދުރުކުރެވުނު ބައްޝާރުލް އަސަދުގެ މައްޗަށް ގަސްދުގައި މީހުން މެރުމާއި، އަނިޔާކުރުމާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަން ވަނީ ސާބިތުވެފައެވެ. މިހާރު ރަޝިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބައްޝާރުގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

މީގެ އިތުރުން، ބައްޝާރުގެ ކޮއްކޮ މާހިރުލް އަސަދުގެ މައްޗަށް ވެސް ގަސްދުގައި މީހުން މެރުމާއި އަނިޔާކުރުމުގެ ކުށް ސާބިތުވެ، އޭނާ މަރަން ވަނީ ހުކުމްކޮށްފައެވެ. މާހިރު ވެސް މިހާރު ދިރިއުޅެމުންދަނީ ރަޝިއާގައެވެ.

މި މައްސަލައިގައި ދެން ހުކުމް އިއްވާފައިވަނީ ސޫރިޔާގެ ދެކުނުގެ ދިރާއާ ޕްރޮވިންސްގެ ސިޔާސީ ސަލާމަތާބެހޭ ކުރީގެ ވެރިޔާ އާތިފް ނަޖީބުގެ މައްޗަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހައްޔަރުކުރެވުނު ނަޖީބުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ، އޭނާ ވަނީ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި މީހުން މެރުމާއި، 15 އަހަރުން ދަށުގެ ކުޑަކުދިން ގަސްދުގައި މެރުމާއި، މީހުން މަރުވާވަރަށް އަނިޔާކުރުން ހިމެނެއެވެ.

ނަޖީބަކީ 2011 ވަނަ އަހަރު ދިރާއާގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީ، ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމަށް މަގުފަހިކޮށްދިން މައިގަނޑު އެކަކެވެ. ކޯޓުން ހުކުމް އިއްވިއިރު އޭނާ ހުރީ ގައިދީންގެ ޔުނިފޯމުގައި ކޯޓުގެ ކޫލީގެ ތެރޭގައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު ފަޚުރުއްދީން އަލް އަރިޔާން ވިދާޅުވި ގޮތުގައި، ހެކިންގެ ހެކިބަހުން ސާބިތުވާ ގޮތުގައި މި ހުރިހާ ޖަރީމާތަކެއް ހިންގުމުގައި އެންމެ އިސްކޮށް ނިންމުންތައް ނިންމަވާފައިވަނީ ބައްޝާރުލް އަސަދެވެ. އަދި އޭނާ ވަނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން މި ޖަރީމާތައް ހިންގުމަށް މަގުފަހިކޮށްފައެވެ.

މިއީ ސޫރިޔާގެ އިންތިގާލީ ސަރުކާރުން ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޝަރީއަތް ހިންގަން ފެށިފަހުން އިއްވި މިފަދަ ފުރަތަމަ ހުކުމެވެ. އަލްޖަޒީރާގެ ރިޕޯޓަރުން ބުނާ ގޮތުގައި، މި ހުކުމުގެ ސަބަބުން ސޫރިޔާގެ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. މިއީ އެތައް އަހަރެއް ވަންދެން ރައްޔިތުން އިންތިޒާރު ކުރަމުން އައި އިންސާފެއް ކަމަށާއި، މި ހުކުމުގެ ސަބަބުން އަނިޔާ ލިބުނު އާއިލާތަކުގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450