ޚަބަރު
ރާއްޖޭގައި އުޅޭ 294،000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި
ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: މަޖިލިސް
ރާއްޖޭގައި އުޅޭ 294،000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިގޮތަށް ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑާއިގެންނެވިއިރު، 295،678 ބިދޭސީން އުޅެމުންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރެއިން 27،200 ބިދޭސީން ފިޔަވައި އެހެން ބިދޭސީއަކު ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ ފަދަ ވަސީލަތެއް ދައުލަތުގެ އެއްވެސް އިދާރާއަކު ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ބާކީ 272،000 ވަރަކަށް މީހުންނަކީ ކާކުކަން ނޭނގޭ ކަމަށާއި، އެއްވެސް ޑޮކިއުމެންޓެއް ނެތް ނަމަ އެއީ ކޮންބައެއްކަން އައިޑެންޓިފައި ކުރެވޭނެ ފަދަ ނިޒާމެއް ކުރިން ދައުލަތުގެ ތެރޭގައި ނެތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން މިހާރު ރާއްޖޭގައި އަޅުގަނޑުމެން ކަންބޮޑުވާ ހާލަތުގައި އައިޑެންޓިފައި ނުވެ ތިބީ 1102 މީހުން. މާނައަކީ ކުރީގައި ތިބި 295،000 މީހުންގެ ތެރެއިން 294،000 މީހުންގެ މައިލޫމާތު ވާނީ އަޕްޑޭޓްކުރެވިފަ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
އެ ހުރިހާ ފަރާތްތަކެއް ވެސް ބަޔޯމެޓްރިކަލީ އައިޑެންޓިފައި ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން މުހިންމު މަސައްކަތްތައް ކުރިއަށް ގެންދަވާއިރު، އެމީހެއްގެ މައުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާނުކުރާ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދީ ރާއްޖޭން ބޭރުކޮށްލެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.