ދުނިޔެ

އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ ގައިދީއަކު ޖަލުގައި ޝަހީދުވެއްޖެކަން ކަށަވަރުވެއްޖެ

އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ ގައިދީއަކު ޖަލުގައި ޝަހީދުވެއްޖެކަން ކަށަވަރުވެއްޖެ

އިސްރާއިލުން ހައްޔަރުކޮށްފައިތިބި ފަލަސްޠީނުގެ ޤައިދީންތަކެއް. ފޮޓޯ: ޤުދުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޯގަސްޓު 2026، 03:19

10 އޯގަސްޓު 2026، 03:19

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ހައްޔަރުކުރި ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލުގެ ޖަލެއްގައި ޝަހީދުވެފައިވާކަން ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ އޮޅުވާލުމަށްފަހު އިސްރާއީލުން ކަށަވަރުކޮށްދީފިއެވެ.

ފަލަސްތީނުގެ ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެކްސް-ޑިޓެއިނީސް އެފެއާޒްއިން ބުނި ގޮތުގައި، އުމުރުން 36 އަހަރުގެ އިހާބް މުހައްމަދު އަބްދުލް ގާދިރު ދިއާބް މަރުވީ އިސްރާއީލުގެ ޖަލުގައި ދިން އަނިޔާތަކާއި އިހުމާލުވުމުގެ ސަބަބުންނެވެ.

އިހާބް ދިއާބް އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 12 ޑިސެމްބަރު 2023 ގައެވެ. ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އޭނާ މަރުވެފައިވަނީ ގާތްގަނޑަކަށް ނުވަ މަސް ދުވަހު ޖަލުގައި ބަންދުކޮށް، ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު 18 ސެޕްޓެމްބަރު 2024 ހިސާބުގައެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އޭނާ މަރުވީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ބުނި ނަމަވެސް، އޭނާގެ އާއިލާއިން އެކަން ދޮގުކުރެއެވެ. އާއިލާއިން ބުނާ ގޮތުގައި ހައްޔަރުކުރި އިރު އޭނާއަކީ އެއްވެސް ބައްޔެއް ނެތް ދުޅަހެޔޮ މީހެކެވެ.

ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ ހައްޔަރުކުރާ މީހުންނަށް ވީނުވީއެއް ނޭނގި ފޮރުވުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތުގެ ބައެކެވެ. ދިއާބްގެ މަރާއެކު 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ބަންދުގައި ތިއްބާ މަރުވި ފަލަސްތީނު މީހުންގެ އަދަދު މިވަނީ 328 އަށް އަރާފައެވެ. އޭގެ ތެރެއިން 91 މީހުންނަކީ 7 އޮކްޓޯބަރު 2023 ގެ ފަހުން މަރުވި މީހުންނެވެ. މީގެ ތެރޭގައި ޣައްޒާއަށް ނިސްބަތްވާ 53 މީހުން ހިމެނެއެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުން
ޣައްޒާގެ ޕްރިޒަނާސް މިނިސްޓްރީން ވަނީ ދިއާބްގެ މަރުގެ ފުރިހަމަ ޒިންމާ އިސްރާއީލު ސަރުކާރާއި ޖަލު އިދާރާތަކުން އުފުލަންޖެހޭނެ ކަމަށް ބުނެފައެވެ. އެ މިނިސްޓްރީން ވަނީ ޖަލުތަކުގައި ދެވޭ އަނިޔާތަކާއި، ސިއްހީ އިހުމާލާއި، އަދި ލާއިންސާނީ ހާލަތްތަކުގެ މައްސަލަ ބައިނަލްއަގުވާމީ ފެންވަރެއްގައި ތަހުގީގު ކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން ދިއާބްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށާއި، ވަގަށް ނަގައިގެން ގެންގޮސްފައިވާ އެންމެހާ ފަލަސްތީނު މީހުންގެ މައުލޫމާތު ހާމަކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހަމޯކެޑްއިން ހާމަކޮށްފައިވާ ގޮތުގައި، އޮގަސްޓް މަހުގެ ނިޔަލަށް އިސްރާއީލުން 8,000 އެއްހާ މީހުން "ސެކިއުރިޓީ" ގައިދީންގެ ގޮތުގައި ބަންދުކޮށްފައިވެއެވެ. މީގެ ތެރޭގައި އެއްވެސް ދައުވާއަކާ ނުލައި ބަންދުކޮށްފައިވާ 3,198 މީހުން ހިމެނެއެވެ. މީގެ އިތުރުން ޣައްޒާއިން ހައްޔަރުކޮށްފައިވާ ގިނަ އަދަދެއްގެ ބަޔަކު "ޣައިރު ގާނޫނީ ހަނގުރާމަވެރިން" ގެ ގޮތުގައި ވަކިން ބަންދުކޮށްފައި ތިބިކަންވެސް ފާހަގަކުރެވެއެވެ.

ފިޒިޝަންސް ފޯ ހިއުމަން ރައިޓްސް-އިސްރާއީލް (PHRI) ގެ ރިޕޯޓެއްގައިވާ ގޮތުން، 2023 އޮކްޓޯބަރުން ފެށިގެން 98 ފަލަސްތީނު މީހުން އިސްރާއީލުގެ ޖަލުތަކާއި އަސްކަރީ ބަންދު މަރުކަޒުތަކުގައި މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ސީދާ އަނިޔާކުރުމާއި، ބޭސްފަރުވާއަށް ހުރަސް އެޅުމާއި، އަދި ކާބޯތަކެތިން މަހުރޫމް ކުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. އިސްރާއީލުން ވަނީ ރެޑް ކްރޮސް ފަދަ ޖަމާއަތްތަކުން ޖަލުތަކުގެ ހާލަތު ބެލުމަށް ވަނުންވެސް މަނާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450