ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު ކުރީގެ އޮތް ގޮތަށް ބަދަލެއް ނުވާނެ: އީރާން
އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރ އަލީ ނިކްޒާދު
އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރ އަލީ ނިކްޒާދު ވިދާޅުވީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު، ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން އަނބުރާ ނުދާނެ ކަމަށެވެ.
އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރަހައްދުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ނިކްޒާދު ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު ބަދަލުވެފައިވާކަން އިސްލާމީ ޖުމްހޫރިއްޔާ އިން ދުޝްމަނުންނަށް އަންގައިދީފައިވާނެ ކަމަށެވެ.
"އިސްލާމީ ޖުމްހޫރިއްޔާ އިން މަސައްކަތް ކުރީ ހަނގުރާމައިގެ ދުވަސްވަރު ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު ކުރިން އޮތް ގޮތަށް ބަދަލު ނުވާނެކަން އަނިޔާވެރި އަދި ކަންކަން އޮޅިފައިވާ ދުޝްމަނުންނަށް އަންގައިދިނުމަށް،" ނިކްޒާދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާ އާއި ޒަޔަނިސްޓު ދުޝްމަނުންނަށް މިހާރު ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަކީ އަސްކަރީ ހައްލެއް އޮތް ކަމެއް ނޫންކަން އަމަލީ ގޮތުން ވިސްނިފައެވެ. އަދި އެ ގައުމުތަކުން ސަރަހައްދަށް އައިސްފައިވާ އައު ބަދަލުތަކަށް ބޯލަނބަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިކްޒާދު ވިދާޅުވީ ދުޝްމަނުން މި ހަގީގަތް ނޭނގޭ ކަމަށް ހެދިގެން އުޅުނު ނަމަވެސް، ވަގުތަކީ ކަންކަން އޮޅިފައިވާ މީހުންނަށް އޮތް އެންމެ ބޮޑު މުދައްރިސް ކަމަށެވެ.
ސަރަހައްދީ މަސްރަހާ ގުޅޭގޮތުން މިފަދައިން ވާހަކަދެއްކެވި ނަމަވެސް، އީރާނުގެ މިވަގުތުގެ އެންމެ ބޮޑު އިސްކަމަކީ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައް ހައްލުކުރުން ކަމަށްވެސް ޑެޕިއުޓީ ސްޕީކަރ ފާހަގަކުރެއްވިއެވެ.