ދުނިޔެ
ރޮނާލްޑޯގެ ކައިވެނި ކަމަށް ހީކޮށް އެހެން މީހެއްގެ ކައިވެނި ހަފްލާއަށް ބަޔަކު އެއްވެއްޖެ
ރޮނާލްޑޯގެ ކައިވެނި ކަމަށް މީހުން ޖަމާވެފައި
މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނި ކުރަނީ ކަމަށް ބުނެ ފެތުރުނު އަޑުތަކަކާ ގުޅިގެން، ޕޯޗުގަލްގެ މެޑެއިރާގައި ހުންނަ ފަންޗަލް ކެތީޑްރަލް ކައިރިއަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ، އާދަޔާ ހިލާފު މަންޒަރެއް ފެނިގެން ހިނގައްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވީ ރޮނާލްޑޯގެ ކައިވެނީގެ ރަސްމިއްޔާތު އެ ތަނުގައި ބާއްވާ ކަމަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް، އެ ވަގުތު ކެތީޑްރަލްގައި އޮތީ ފްރާންސްގައި ދިރިއުޅޭ ޕޯޗުގަލްގެ ދެމަފިރިން ކަމަށްވާ ފަބިއޯ ރާމޯސް އާއި ފާތިމާ ނިކޯލް ކުންހާ ޓެއިޒެއިރާގެ ކައިވެނީގެ ރަސްމިއްޔާތެވެ.
ކައިވެނީގެ ޕާޓީގައި ހިމެނޭ މީހަކު ބުނި ގޮތުގައި، މި ހާދިސާގެ ސަބަބުން ކައިވެނި ކުރި ދެމަފިރިންނާއި އާއިލާ ތިބީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. "ފަބިއޯއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނޫން. މިއީ ވަރަށް މަޖާ އަދި އާދަޔާ ހިލާފު ކަމެއް. މިއީ އޭނާ ދުވަހަކުވެސް ހަނދާން ނެތޭނެ ކައިވެންޏެއް ނޫން،" އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ރޮނާލްޑޯގެ ދައްތަ އެލްމާ އަވީރޯ ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރޮނާލްޑޯ އަމިއްލައަށް ކަމެއް އިއުލާނު ނުކުރަނީސް މީޑިއާތަކުން ދޮގު ޚަބަރު ފަތުރަނީއެވެ. ނަމަވެސް، ރޮނާލްޑޯ އަމިއްލައަށް ވަނީ މި ހާދިސާގެ ވީޑިއޯއަށް 'ލާފިންގް ފޭސް' އިމޯޖީ ބޭނުންކޮށްގެން ރިއެކްޓްކޮށް، މިއީ މަޖާ ކަމެއްގެ ގޮތުގައި ބަލައިގެންފައެވެ.
ކެތީޑްރަލްގެ އިތުރުން، ފަންޗަލްގެ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ 'ސެވޯއި ޕެލެސް' ކައިރިއަށްވެސް ގިނަ ބަޔަކު އެއްވިއެވެ. އެއީ ރޮނާލްޑޯގެ ކައިވެނީގެ ހަފުލާ އެ ހޮޓަލުގައި އޮންނާނެ ކަމަށް އަޑު ފެތުރުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ހޮޓަލުގެ ދެ ފްލޯއެއް އެ ދުވަސްވަރު އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށް، ވަރުގަދަ ޕްރައިވެޓް އިވެންޓަކަށް ތައްޔާރުވެފައިވެއެވެ. އަދި ރޮނާލްޑޯގެ އާއިލާގެ ބައެއް މެންބަރުން އެ ސަރަހައްދުން ފެނިފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރޮނާލްޑޯ އާއި ޖޯޖީނާގެ ކައިވެނީގެ ތާރީޚެއް ނުވަތަ ތަނެއް ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް މެޑެއިރާގައި ހިނގައިދިޔަ މި ހާދިސާއާއެކު، އެމީހުންގެ ކައިވެނީގެ ވާހަކަތައް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ގަދަވެފައެވެ.
Over 2,000 Cristiano Ronaldo fans gathered outside Madeira Cathedral, mistakenly thinking they had arrived at his wedding, but instead found a Portuguese couple, Fabio Ramos and Fatima Nicole Cunha Teixeira, getting married. The fans even surrounded the bride's Rolls-Royce😁💔🇵🇹 pic.twitter.com/Yu0QS9zUFO
— Gracias leo zeus (@Beecroft_) August 9, 2026