ދުނިޔެ
ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ހައުސިން ޔުނިޓުތަކެއް އަޅަނީ
އިސްރާއިލުން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުން. ފޮޓޯ: އީޕީއޭ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ކޮކަވް ޔާކޯވް ސެޓްލްމަންޓްގައި އަލަށް 627 ހައުސިންގް ޔުނިޓް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ޓެންޑަރަށް ހުޅުވާލައިފިއެވެ.
ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން (ސީ.އާރު.އާރު.ސީ) އިން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލް ލޭންޑް އޮތޯރިޓީން މި ޓެންޑަރު އާންމުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާމަﷲ އާއި އަލް-ބީރޭ ގަވަރުނަރޭޓްގެ ބިމުގައެވެ. އިސްރާއީލުން ވަނީ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކުންފުނިތަކުން ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 30 ކަމުގައި ކަނޑައަޅާފައެވެ. މިއީ މި މަޝްރޫއު ފުރަތަމަ ފާސްކުރިތާ އެންމެ 15 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށް ސީ.އާރު.އާރު.ސީ އިން ފާހަގަކުރެއެވެ.
ސީ.އާރު.އާރު.ސީ އިން ވަނީ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި މި މަސައްކަތުގެ ބޭނުމަކީ "ގުދުސް އާއި އޭގެ ވަށައިގެންވާ ފަލަސްތީނުގެ ސަރަހައްދުތައް ވަކިކުރުން އިތުރަށް ވަރުގަދަކުރުން" ކަމަށެވެ. ކޮކަވް ޔާކޯވް ސެޓްލްމަންޓަކީ އުތުރު ގުދުސް އާއި ރާމަﷲ އަދި އަލް-ބީރޭގެ ދެމެދުގައި، އިސްރާއީލުން "ބިންޔާމިން" ގެ ނަމުގައި ހިންގާ ސެޓްލްމަންޓްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
މި އައު މަޝްރޫއު ގާތްގަނޑަކަށް 63 އޭކަރުގެ ބިމެއްގައި ފެތުރިފައިވާއިރު، މިއީ ހަމައެކަނި ބޯހިޔާވަހިކަމަށް ކުރާ އިންވެސްޓްމަންޓެއް ނޫން ކަމަށާއި، މިއީ އިގްތިސާދީ އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމަންޓެއް ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ 1,138 ހައުސިންގް ޔުނިޓް ހިމެނޭ ގޮތަށް 12 ޣައިރު ގާނޫނީ ޓެންޑަރެއް ނެރެފައެވެ.
މިއަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމާއި ވަޒަންވެރިންގެ ފަރާތުން ފަލަސްތީނު މީހުންނަށް ކުރިމަތިވާ އަނިޔާވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފަލަސްތީނުގެ މޮނިޓަރުން ބުނާ ގޮތުގައި 2026 ޖެނުއަރީން ފެށިގެން އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ފަރާތުން 11,000 އަށްވުރެ ގިނަ ހަމަލާ ވަނީ ރެކޯޑު ކުރެވިފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިސްރާއީލުގެ ސެޓްލްމަންޓްތަކަކީ "ގާނޫނީ އެއްވެސް ސައްހަކަމެއް ނެތް" އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއް ކަމަށެވެ. އަދި 2024 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ނެރުނު ލަފާގައިވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފާފައި އޮތުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅާފައެވެ.