ދުނިޔެ
އިސްރާއީލުން ލުބުނާނުގެ ދެކުނަށް ހަމަލާތަކެއްދީފި
އިސްރާއީލުން ލުބުނާނަށް ކުރިންދިން ހަމަލާތަކެއްގެ ތެރެއިން---
އިސްރާއީލުން ލުބުނާނުގެ ދެކުނަށް ހަމަލާތަކެއްދީފިއެވެ.
މިއީ ބުދަ ދުވަހު އިސްރާއީލުގެ ޔަހޫދީ ސިފައިންގެ ދެ މީހުން ލުބުނާނުން މަރާލުމާއި ގުޅިގެން ދިން ބަދަލު ހަމަލާތަކެއް ކަމަށް އިސްރޭލުން ބުނެއެވެ. މި ހަމަލާތަކާއި ގުޅިގެން އެކަކު މަރުވެފައިވާ ކަމަށް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާއިރު، މި ހަމަލާތައް ބަދަލުކުރެވިފައި ވަނީ، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލާއި ލުބުނާނާ ދެމެދު އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ހަތްވަނަ ބުރު އިޓަލީގެ ވެރިރަށް ރޯމްގައި ފަށައިފައިވާއިރު، މިއީ، ލުބުނާނުގެ ދެކުނުގައި "ޕައިލެޓް ޒޯންތަކެއް" ކަނޑައަޅައި، އެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމަށްފަހު ލުބުނާނުގެ އަސްކަރިއްޔާއާ ސަލާމަތީ ކަންކަން ހަވާލުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަޝްވަރާތަކެކެވެ.
މިކަމާއި ގުޅިގެން ދެ ގައުމުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ސަލާމަތީ ގޮތުން ބަލައި ފާސްކުރުމަށް ޔަހޫދީ ސިފައިން ވަތް އިމާރާތެއްގައި އެއްޗެއް ގޮވުމާއި ގުޅިގެން ދެ މީހުން މަރުވެ، ހަތަރު މީހަކަށް ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ އާމީ ރޭޑިއޯއިން ވަނީ ބުނެފައެވެ. އަދި އިސްރާއީލުގެ ސިފައިންނަށް ދިން މި ހަމަލާއަކީ، ހިޒްބުالله އިން "ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވުން" ކަމަށް ވެސް ބުނެފައިވެއެވެ.
އެ އިމާރާތުގައި ގޮވާތަކެތި ހަރުކޮށްފައިވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް ސާފުވެފައި ނުވިނަމަވެސް، އިސްރާއީލުގެ ނިރުބަވެރި ސިފައިން ވަނީ ލުބުނާނުގެ ދެކުނަށް ސިލްސިލާ ހަމަލާތަކެއް ދީފައެވެ.
ލުބުނާނުގެ ސިއްހީ ވުޒާރާއިން ވަނީ، މަންސޫރީއާ ގާތްގަނޑަކަށް 25 ކިލޯމީޓަރު (15 މޭލު) ދުރުގައި އޮންނަ ތިބްނީންއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެކަކު މަރުވެ 12 މީހުން ޒަޚަމުވެފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ލުބުނާނުގެ ފަސްބައިކުޅަ އެއްބައި ބިން ހިފާފައެވެ. އަދި މިކަމާއި ގުޅިގެން 4000 އަށްވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.