ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކު ވެވޭ އެއްބަސްވުން އޮތީ ފަހު މަރުހަލާގައި: އީރާން
ހޮރްމޫޒް ކަނޑުއޮޅި--
ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކު ވެވޭ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް އީރާނުން ބުނެފިއެވެ.
މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ލުޔެއް ހޯދުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވޭއިރު، ދެ ގައުމުގެ ދެމެދުގައި ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް މުދާ އުފުލުމަށް ބޭނުންކުރާނެ ރޫޓަކާއި ބެހޭގޮތުން މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ އެއްބަސްވުން އޮތީ "އެންމެ ފަހުގެ މަރުހަލާގައި" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ސަލާމަތީ ކަންކަމަށް ހުރަސްއެޅިގެންދާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވަނީ، ދަތުރުކުރާނެ ރޫޓްގެ "ޖިއޮގްރަފިކަލް ކޯޑިނޭޓްސް" އާއިމެދު އޮމާނާއެކު އެއްބަސްވެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އެކްސްޕޯޓު ކުރަމުންދިޔަ ނަމަވެސް، ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާއި ގުޅިގެން އީރާނުން ވަނީ އެ ކަނޑިއޮޅިގެ ބޮޑުބައެއް ބަންދުކޮށްފައެވެ.
ރޮއިޓާސްއިން އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުގެ މުދަލުގެ އަގުން 7-5 އިންސައްތައާ ދެމެދުގެ ފީއެއް ނެގުމަށް އީރާނުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އޮމާނުން މަޝްވަރާ ކުރަމުންދަނީ 3 އިންސައްތައިގެ ފީއެއް އެ ގައުމުން ދައްކަންޖެހޭ ގޮތަށް ހެދުމަށް ކަމަށާއި، އެމެރިކާއިން ބޭނުންވަނީ އެއްވެސް ފީއެއް ނުދެއްކުމަށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.