ދުނިޔެ
ފަލަސްތީނުގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ކަށުނަމާދު: އިސްރާއީލުން ޝަހީދުކޮށްލި 112 މީހެއްގެ ހަށިގަނޑު ވަޅުލައިފި
ޣައްޒާގައި މިއަދު ބޭއްވުނު ބޮޑު ޖަނާޒާ. ފޮޓޯ: ޤުދުސް ނެޓްވޯކް
2023 ވަނަ އަހަރު އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވެ، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި 112 ފަލަސްތީނު ރައްޔިތެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން، ފަލަސްތީނުގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު އެއް ކަށުނަމާދު އަންގާރަ ދުވަހު ޣައްޒާގައި ބާއްވައިފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސުން ހާމަކުރި ގޮތުގައި މި ހަށިގަނޑުތަކަކީ ހައްސައިނާ އަދި އަބޫ ޝަރީއާ އާއިލާގެ މެންބަރުންނެވެ.
ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަބްރާ އަވަށުގައި ހުރި މި އާއިލާތަކުގެ ގެތަކަށް އިސްރާއީލުން ދިން ހަމަލާގައި ޖުމްލަ 300 އެއްހާ މީހުން ޝަހީދުވިއެވެ. ފާއިތުވި ހަފުތާތަކުގައި ކޮނެގެން ނެގި 112 މީހުންގެ ތެރޭގައި 40 ކުޑަކުދިންނާއި، 38 އަންހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ 7 މީހަކު ހިމެނެއެވެ. ސިވިލް ޑިފެންސުން ބުނި ގޮތުގައި މި އާއިލާތަކުގެ އިތުރު 157 މީހެއްގެ ހަށިގަނޑު އަދިވެސް ނުފެނި، އެއްވެސް ނިޝާނެއް ނެތި ވަނީ ގެއްލިފައެވެ.
މި ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކޮށްފައިވަނީ ވަރަށް ދަތި ހާލަތެއްގައެވެ. 136 ގަޑިއިރަށް ދެމިގެންދިޔަ މި މަސައްކަތުގައި، ބަރު މެޝިނަރީ ނެތުމުގެ ސަބަބުން ގިނަ މަސައްކަތްތައް ކޮށްފައިވަނީ އަތުންނާއި އާދައިގެ ސާމާނު ބޭނުންކޮށްގެންނެވެ. ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހަށިގަނޑުތައް ވަނީ ވަރަށް ބޮޑަށް ކުނިވެފައި ނަމަވެސް، ޓީމުތަކުން މަސައްކަތް ކުރީ އާއިލާތަކަށް އެއީ ކޮން ބައެއްކަން ދެނެގަނެވޭނެ މިންވަރަށް ހަށިގަނޑުތައް ރައްކާތެރިކޮށް، ނަމެއް ނެތް ނަންބަރެއްގެ ގޮތުގައި ވަޅުލުމުގެ ބަދަލުގައި އިހުތިރާމާއެކު ވަޅުލުމަށެވެ.
ސަބްރާ އަވަށުގައި ހިންގި މި އޮޕަރޭޝަނަކީ މިހާތަނަށް ހިންގުނު އެންމެ ބޮޑު އެއް ރިކަވަރީ އޮޕަރޭޝަނެވެ. މީގެ ދެ ހަފުތާ ކުރިންވެސް ހަމަ މި ސަރަހައްދުން 99 މީހެއްގެ ހަށިގަނޑު ވަނީ ނެރެފައެވެ. އިސްރާއީލުން ބަރު މެޝިނަރީ އެތެރެކުރުން ހުއްޓުވާފައި އޮތުމުގެ ސަބަބުން، އެތައް ސަތޭކަ ބަޔަކު ގިނަ މަސްތަކެއް ވަންދެން ތިބީ ގާކުނޑިތަކުގެ ދަށުގައި ވަޅުލެވިފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސްކޮށް، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަރު މެޝިނަރީއާއި، ތެލާއި، ވަސީލަތްތައް ފޯރުކޮށްދިނުމަށް އެދިފައެވެ. އެ އިދާރާއިން އިންޒާރު ދީފައިވާ ގޮތުގައި، އެހީތެރިކަން ނުލިބިއްޖެނަމަ، އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތައް ހާސް ބައެއްގެ ހަށިގަނޑު ދުވަހަކުވެސް ނުފެނި ދިއުމުގެ ބިރު އެބައޮތެވެ.