ދުނިޔެ
ޣައްޒާއަށް ދެމުންދާ ހަމަލާތަކުން އެނގެނީ އިސްރާއީލުން ސުލްހަ ބޭނުންނުވާކަން: ތުރުކީ
ޣައްޒާއަށް ދިން ހަމަލާެއްގައި ޝަހީދުވި ތުއްތު ކުއްޖެއް
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހުއްޓުމެއްނެތި ހިންގަމުންދާ ގަތުލުއާންމުތަކަކީ، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނާ އެކު ސުލްހަވުމުގެ އެއްވެސް ނިޔަތެއް ނެތްކަން ހާމަވާ ހެއްކެއް ކަމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަތަންޔާހޫގެ ހަމައެކަނި މަގްސަދަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުން ކަމަށެވެ. އަދި މުޅި ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުވިޔަ ނުދިނުމަކީވެސް އިސްރާއީލުގެ އަމާޒެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެމެރިކާ އިސްވެ އޮވެ ކުރިއަށްގެންދާ މެދުވެރިއެއްގެ ދައުރާއި ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއަޅައި، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ނަތަންޔާހޫ ދަނީ މެދުނުކެނޑި ފިޔަވަޅުތައް އަޅަމުން ކަމަށްވެސް ތުރުކީން ތުހުމަތުކުރެއެވެ.
"މުޅި މެދުއިރުމަތި ހަނގުރާމައިގެ މައިދާނަކަށް ބަދަލުކުރުމަށް ނަތަންޔާހޫ ގެންގުޅޭ ފުޅާވަމުންދާ އަދި އަސްކަރީ ސިޔާސަތާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ވަރުގަދަ، އެއްގޮތް އަދި ސާބިތު ފިޔަވަޅުތަކެއް އެޅުން މިވަނީ މަޖުބޫރުވެފައި،" ތުރުކީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާއިން "ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށް ސިފަކުރި ސުލްހައިގެ މަޝްރޫއެއް އިއުލާނުކޮށްފައި ވަނިކޮށްވެސް، ވޭތުވެދިޔަ އާދިއްތަ ދުވަހު އެކަނިވެސް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ ފަލަސްތީނުގެ މަދުވެގެން 19 މީހުން ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ހިންގަމުންދާ މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން، ސުލްހައިގެ ވާހަކަތަކަށް އިސްރާއީލުން އިޚުލާސްތެރި ނޫންކަން އިތުރަށް ކަށަވަރުވަމުންދާ ކަމަށް ތުރުކީން ވަނީ ބުނެފައެވެ. އަދި ބައިނަލްއަގުވާމީ ދުނިޔެއިން އިސްރާއީލުގެ މި އުދުވާންތައް ހުއްޓުވުމަށް އަމަލީ ގޮތުން މަސައްކަތް ކުރުމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ ގޮވާލާފައެވެ.