ދުނިޔެ
މާބަނޑު އަންހެނަކު ޝަހީދުވެ، ބަނޑުގައި އޮތް ދަރިފުޅު ބަނޑުން ބޭރަށް ވިއްްސައިގެން ގޮއްސި
ބަނޑުގައި އޮތް ދަރިފުޅު ފޮޓޯ: އަލްޖަޒީރާ ވީޑިއޯ
އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ލާނުސާނީ ހަމަލާތަކުގެ ތެރެއިން، ޣައްޒާ ސިޓީގެ އެޕާޓްމަންޓަކަށް ދިން ރަހުމުކުޑަ ހަމަލާއެއްގައި މާބަނޑު އަންހެނަކާއި އޭނާގެ ފިރިމީހާ ޝަހީދުވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ލިބުނު ގަދަފަދަ ޝޮކާއެކު، އެ އަންހެންމީހާގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ ބަނޑުން ބޭރަށް ވިއްސައިގެން ގޮސްފައެވެ.
އާދީއްތަ ދުވަހުގެ ހެނދުނު ހިނގި މި ހިތާމަވެރި ހާދިސާގައި ޝަހީދުވި އާއިލާގެ ތުއްތު ކުއްޖާގެ ހަށިގަނޑު އެޕާޓްމަންޓްގެ ތަޅުންގަނޑު މަތީގައި އޮއްވާ ފެންނަ މަންޒަރުތައް ވަނީ އާންމުވެފައެވެ. މިއީ ކޮންމެ ދުވަހަކު ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ބިރުވެރި އަދި ހިތްދަތި ހާލަތުގެ ކުޑަ މިންވަރެކެވެ.
ޣައްޒާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާންކުރި އެއްބަސްވުންތަކާއެކު ހަމަލާތައް ހުއްޓި، އިންސާނީ އެހީއާއި ސިއްހީ ހިދުމަތް ލިބޭނެ ކަމަށް ރައްޔިތުން ކުރި އުންމީދުތައް ވަނީ ފެނަށްވެފައެވެ. އަމަލީ ގޮތުން އެއްވެސް އުންމީދީ ކަމެއް ފެންނާކަށް ނެތެވެ. ރައްޔިތުން ތިބީ ނުހަނު ބޮޑަށް މާޔޫސްވެ، ނަފްސާނީ ގޮތުން ބަލިކަށިވެފައެވެ.
މި ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އާއިލާތަކުގެ ހާލަތުވެސް ވަނީ ދަށަށް ގޮސްފައެވެ. ބައެއް އާއިލާތަކުން ރައްކާތެރިކަން ހޯދުމަށް ފޭލިގެތަކަށް ބަދަލުވި ނަމަވެސް، އެ ފޭލިގެތަކަށްވެސް އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ. އަދި އެނބުރި އަންނައިރު އޮންނަނީ ހުރިހާ މުދަލެއް ހަލާކުވެ، އަލުން ސުމަކުން ދިރިއުޅުން ފަށަން ޖެހިފައެވެ.
ޣައްޒާގެ އުތުރާއި، ދެކުނުގެ ޚާން ޔޫނިސް އަދި މެދުތެރޭގެ ދީރުލް ބަލާހް ހިމެނޭހެން މުޅި ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ހަމަލާތައް އަމާޒުވަމުންދާތީ، އެއްވެސް ރައްކާތެރި ތަނެއް ނެތް ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ދާނެ ވަކި މިސްރާބެއް ނެތި ޣައްޒާގެ ރައްޔިތުން ތިބީ ގޮތް ހުސްވެފައެވެ.