ދުނިޔެ

ކޮވިޑްގެ އަސްލު ހޯދުމުގެ ތަހުގީގުގައި ޑރ. ފައުޗީ ހަނު ހުރުމަށް އިޚްތިޔާރު ކުރައްވައިފި

ކޮވިޑްގެ އަސްލު ހޯދުމުގެ ތަހުގީގުގައި ޑރ. ފައުޗީ ހަނު ހުރުމަށް އިޚްތިޔާރު ކުރައްވައިފި

ސިއްހީ މާހިރު ޑރ. އެންތަނީ ފައުޗީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 03:02

30 ޖުލައި 2026، 03:02

ކޮވިޑް-19 އިގެ އަސްލު ހޯދުމަށް އެމެރިކާގެ ސެނެޓް ކޮމިޓީން ކުރިއަށްގެންދާ ތަހުގީގުގައި، އެމެރިކާގެ އިސް ސިއްހީ މާހިރު ޑރ. އެންތަނީ ފައުޗީ ހާޒިރުވެވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިންކާރު ކުރައްވައިފިއެވެ.

ސެނެޓަރު ރޭންޑް ޕޯލް އިސްވެ ހުންނަވައި ކުރިއަށްގެންދާ މި ހެކިބަސް ނެގުމުގެ ސެޝަންގައި، ޑރ. ފައުޗީ ވަނީ އެމެރިކާގެ ގާނޫނުއަސާސީގެ ފަސްވަނަ އިސްލާހުގެ ދަށުން ލިބިދޭ "ހަނު ހުރުމުގެ ހައްގު" ބޭނުންކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ތަހުގީގަކީ ސިޔާސީ މަގްސަދެއްގައި ކުރިއަށްގެންދާ ކަމެއް ކަމަށާއި، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ތަކުރާރުކޮށް ގޮވާލަމުންދާތީ ގާނޫނީ ލަފާގެ މަތިން ހަނު ހުންނަވަން ނިންމެވީ ކަމަށެވެ.

މި މައްސަލަ ހޫނުވެފައިވަނީ ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ފައުޗީ ލިޔުއްވާފައިވާ 1،000 އަށްވުރެ ގިނަ ސަފުހާގެ ޑައިރީ އާންމުވުމާ ގުޅިގެންނެވެ. ސެނެޓަރު ރޭންޑް ޕޯލް ތުހުމަތު ކުރައްވާ ގޮތުގައި، ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ކުރިއަށްގެންދިޔަ ދިރާސާތަކަށް އެމެރިކާގެ އެހީތެރިކަން ލިބިފައިވާކަން ފައުޗީއަށް އެނގިވަޑައިގަންނަވައެވެ. ނަމަވެސް ފައުޗީ މީގެ ކުރިންވެސް ވަނީ މިފަދަ އެއްވެސް ދިރާސާއަކަށް އެނގިހުރެ ފަންޑު ކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އާންމުވި ޑައިރީތަކުން އެނގޭ ގޮތުގައި، ބަލިމަޑުކަމުގެ ކުރީކޮޅު ވައިރަސް އުފެދުނު ގޮތާ މެދު ސައިންސްވެރިންގެ މެދުގައި އޮތް ތަފާތު ބަހުސްތަކާއި، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮތް ނުތަނަވަސް ގުޅުން ފައުޗީ ފާހަގަކުރައްވާފައިވެއެވެ. ރިޕަބްލިކަން ޕާޓީން މި ޑައިރީތަކަކީ އާ ހެކިތަކެއް ކަމަށް ބުނި ނަމަވެސް، މީޑިއާ ތަހުލީލުތަކުން ދައްކާ ގޮތުގައި މީގައި ހުރީ ފައުޗީ އޭރުވެސް އާންމުކޮށް ދައްކަވާފައިވާ ވާހަކަތަކެވެ.

ކޮވިޑް-19 ފެތުރެން މެދުވެރިވީ ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ވާސިލުވެގެންތޯ ނުވަތަ ލެބޯޓްރީއަކުން ލީކުވެގެންތޯ ކުރެވޭ ބަހުސްގައި މިހާތަނަށް ސައިންޓިފިކް ގޮތުން ވަކި ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވެސް މި ދެ ގޮތަށް ބަލަމުންދާއިރު، އެއްވެސް ކޮޅަކަށް ބުރަވެވޭ ވަރުގެ ސާފު ހެއްކެއް އަދި ފެނިފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކުރާ ގޮތުގައި، މި ސިޔާސީ ބަހުސްތައް ކުރިއަށްދާއިރުވެސް ކޮވިޑް-19 ގެ ނުރައްކާ އަދިވެސް މުޅިން ފިލައިގެންނެއް ނުދެއެވެ. ޚާއްސަކޮށް ބަލިކަށި މީހުން ބައްޔަށް ހުށަހެޅި، މަރުވާ މީހުންގެ އަދަދު އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ރިޕޯޓް ކުރެވެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450