ދުނިޔެ
މުސްލިމް އަޚުން އެއްބަޔަކު އަނެއްބަޔަކާ ތަޅާނުފޮޅުވުމަށް މުޤްތަދާ އަލް-ސަދަރު ގޮވާލައްވައިފި
ޝީޢީ ދީނީ އިލްމުވެރިޔާ މުޤްތަދާ އަލް-ސަދަރު
ޢިރާޤުގެ ނުފޫޒުގަދަ ޝީޢީ ދީނީ އިލްމުވެރިޔާ މުޤްތަދާ އަލް-ސަދަރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އާއި ހަތިޔާރު އެޅި މިލިޝިއާތަކުން ޢިރާޤުގެ ފަސްގަނޑު ބޭނުންކޮށްގެން ހަމަލާތައް ނުދިނުމަށް ގޮވާލައްވައިފިއެވެ. ސަދަރު މިކަމަށް ގޮވާލެއްވީ ޢިރާޤު އިތުރު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ.
އެކްސް މެދުވެރިކޮށް ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ސަދަރު ވިދާޅުވީ، ޢިރާޤަކީ އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ މަރުކަޒެއް ނޫން ކަމަށާއި، އެހެންކަމުން އީރާނުގެ އަސްކަރީ ފައުޖުތަކުން ޢިރާޤުގެ ބިމާ ދުރުހެލިވާންޖެހޭނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ޖަމާއަތްތަކުން، ޢަރަބި ގަލްފުގެ ޤައުމުތަކަށް ޢިރާޤުގެ މުޤައްދަސް ބިމަށް ހަމަލާދިނުމުގެ ފުރުސަތު ލިބޭ ފަދަ ކަންކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އިތުރަށް ސަދަރު ވިދާޅުވީ، މުސްލިމް އަޚުން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުވުމަށް "ޒަޔަނިސްޓް-އެމެރިކާގެ ދުޝްމަނުން" ރާވާފައިވާ ރޭވުންތަކުގެ މަގަށް އެއްވެސް ފަރާތަކުން ލެނބިގެން ނުދިއުމަށެވެ.
ޢިރާޤުގެ ސިޔާދަތަށް އަރައިގަތުމާއި، ބޭނުމެއް ނެތް ހަނގުރާމައެއްގެ ތެރެއަށް ޢިރާޤު ދަމައިގަތުމަށް ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތައް އޭނާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އަދި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުގެ ބާރު ނެގެހެއްޓުމަށް ސަރުކާރަށް ސަދަރު ގޮވާލެއްވިއެވެ. މީގެ އިތުރުން، ފިތުނަ އުފައްދައި ޤައުމު ސަލާމަތްކުރުމަށްޓަކައި ޤައުމުގެ އެތެރެއާއި ބޭރުގައި ހަރަކާތްތެރިވާ "ޓެރަރިސްޓް ސެލްތަކުން" ފުރުސަތުގެ ބޭނުން ހިފާފާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
"ޢިރާޤާއި ޢިރާޤުގެ ރައްޔިތުން ބޭނުންވަނީ ސުލްޙަ،" ސަދަރު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޢިރާޤުގެ އެންމެހައި ވަސީލަތްތަކާއި ކަރާމާތް ނެތިކޮށްލާފައިވާ ހަނގުރާމަތަކުން ޢިރާޤު މިހާރު ވަނީ ވަރުބަލިވެފައެވެ.
ބަޔާން ނިންމަވާލައްވަމުން ސަދަރު ވަނީ ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ސުލްޙަޔާއި އެކުވެރިކަން ޤާއިމުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ސަރަޙައްދަކީ ބޭރުގެ އަސްކަރީ މަރުކަޒުތަކާއި، އިސްލާމީ އުއްމަތުގެ ދުޝްމަނުންނާ ގުޅުން ބަދަހިކުރުމާއި، އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ސަރަޙައްދަކަށް ހެދުމަށް އޭނާ ގޮވާލެއްވިއެވެ.
ޒާހިރ
29/07/2026 21:54
ޥަރަށްވެސް ރަގަލު ވާހަކަކޮޅެހް.