ދުނިޔެ
10 ދުވަސް ވަންދެން ރިއްސީ ބޮލުގައި، ޓެސްޓު ހެދިއިރު ކެންސަރުގެ ނުރައްކާތެރި ބާވަތެއް
ޖޯޝް ސްމިިތު
ވޭލްސްގެ ރެކްސްހަމްއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޖޯޝް ސްމިިތުއަށް ދިމާވި ހިތާމަވެރި، ނަމަވެސް އިބުރަތްތެރި ހާދިސާއެއް ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ޖޯޝް ބުނާ ގޮތުގައި، އޭނާގެ އަންހެނުން ކެލީގެ ބާރުއެޅުމާއެކު ޑޮކްޓަރަށް ނުދެއްކިނަމަ، މިއަދު އޭނާ ދުނިޔޭގައި ނުހުރީސް ކަމަށް ވެދާނެއެވެ.
މިދިޔަ ޖެނުއަރީ މަހު ޖޯޝްއަށް ބޮލުގައި ރިއްސުމާއި، ސިކުނޑިއަށް ކަންކަން ސާފުނުވާ ފަދަ އިހުސާސްތަކެއް (ބްރެއިން ފޮގް) ކުރެވެން ފެށިއެވެ. ނަމަވެސް އޭނާ ހީކުރީ އެއީ ވަރުބަލިވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. ފެބްރުއަރީ މަހު މިކަން އިތުރަށް ގޯސްވެ، ވިދިވިދިގެން 10 ދުވަސް ވަންދެން ބޮލުގައި ރިއްސަން ފެށިއެވެ. ޖޯޝް ބުނި ގޮތުގައި ބައެއް ފަހަރު އޭނާ ހުންނަނީ ގަބުވެފައެވެ. ފަހުން އެނގުނު ގޮތުގައި އެއީ އޭނާއަށް މެދުވެރިވަމުންދިޔަ ކުދި ފިޓުތަކެކެވެ.
ސިއްހީ ކަންކަމުގައި ޑޮކްޓަރަށް ދެއްކުމަށް ފަސްޖެހޭ ޖޯޝް، އޭނާގެ އަންހެނުން "ދަމާފައި" ކަހަލަ ގޮތަކަށް ޑޮކްޓަރަށް ގެންދިޔައީ ފެބްރުއަރީ 9 ވަނަ ދުވަހުއެވެ. ފުރަތަމަ ދެއްކި ޑޮކްޓަރު ބުނީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ބޮލުގައި ރިއްސާތީ ތަދުކަނޑުވާ ބޭސް ދިނުމަށްފަހު ފޮނުވާލީއެވެ. ނަމަވެސް ތަދު އިންތިހާއަށް ބޮޑުވެ، ލޯ ނިކުމެދާނެހެން އިހުސާސްވާން ފެށުމުން ޖެހިގެން އައި ފެބްރުއަރީ 13 ވަނަ ދުވަހު އަނެއްކާވެސް އަންހެނުންގެ އެދުމުގެ މަތިން ޖޯޝް ރެކްސްހަމް މޭލާ ހޮސްޕިޓަލުގެ އިމަޖެންސީއަށް ދެއްކިއެވެ. އެތަނުން ހެދި ސީޓީ ސްކޭނަކުން އެނގުނު ގޮތުގައި، ޖޯޝްގެ ސިކުނޑީގައި 4.5 ސެންޓިމީޓަރުގެ ބޮޑު ޓިއުމަރެއް އިނެވެ.
ލިވަޕޫލްގެ ވޯލްޓަން ސެންޓަރަށް ޖޯޝް ބަދަލުކުރުމަށްފަހު، އޭނާއަށް ޖެހިފައިވަނީ "ގްލިއޯބްލަސްޓޯމާ" ކަމަށްވާ ނުރައްކާތެރި، އަދި ފަރުވާ ނެތް ކެންސަރު ބައްޔެއްކަން ކަށަވަރުވިއެވެ. މިއީ އާންމުކޮށް ބަލިމީހާ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ދިރިހުންނަ ބައްޔެކެވެ. ޖޯޝް ވަނީ އޮޕަރޭޝަން ކޮށްގެން ޓިއުމަރުގެ 95 އިންސައްތަ ނަގާފައެވެ. އޭނާ ކިޔައިދިން ގޮތުގައި އޮޕަރޭޝަނަށްފަހު ހޭލެވުނު ގޮތަށް އެންމެ ފުރަތަމަވެސް ބޭނުންވީ ކޭއެފްސީ ކާށެވެ.

ބްރެއިން ޓިއުމާ ރިސާޗްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގައި އަހަރަކު 3,200 މީހުންނަށް މި ބަލި ޖެހެއެވެ. ނަމަވެސް ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި މި ބައްޔަށް ދެވޭ ފަރުވާއަށް އެދެވޭ ކުރިއެރުމެއް އައިސްފައެއް ނުވެއެވެ. ވޭލްސް ސަރުކާރުން މިހާރު ދަނީ ކެންސަރު ބައްޔާ ދެކޮޅަށް އާ އިސްތިރާޖެއް އެކުލަވާލައި، ދިރާސާތަކާއި އާ ފަރުވާތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޖޯޝްގެ ބައްޔަކީ ފަރުވާ ނެތް ބައްޔަކަށް ވީނަމަވެސް، އޭނާގެ މިހާރުގެ އަމާޒަކީ އުފާވެރި ހަނދާންތަކެއް ބިނާކުރުމާއި، މި ބައްޔާ މެދު މީހުން ހޭލުންތެރިކުރުވުމެވެ. އޭނާ މިހާރުވެސް ދަނީ ކީމޯތެރަޕީ ހަދަމުންނެވެ. ޖޯޝް އާއި އޭނާގެ އަންހެނުން ކެލީ މިހާރު މަސައްކަތް ކުރަމުންދަނީ ސިކުނޑީގެ ޓިއުމަރުތަކާ ގުޅޭ ދިރާސާތަކަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރުމަށް ބާރުއެޅުމަށެވެ. ޖޯޝް ބުނި ގޮތުގައި، އޭނާގެ ވާހަކަ ހިއްސާކުރުމުގެ ބޭނުމަކީ މަދުވެގެން އެކަކަށް ނަމަވެސް މިކަމުގެ ސަބަބުން އެހީތެރިކަމެއް ލިބުމެވެ.