ދުނިޔެ

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ޖަޕާނަށް އައި ބިންހެލުމުގައި ގެއްލުންލިބިފައިވާ އެއޯން މޯލް / ފޮޓޯ: ރޮއިޓާސް

farudhun logo

ފަރުދުން

29 ޖުލައި 2026، 02:26

29 ޖުލައި 2026، 02:26

ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ. ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި ކުމަމޯޓޯ ސަރަހައްދަށް އައި މި ބިންހެލުމާ ގުޅިގެން ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ ވިދާޅުވީ، އަދިވެސް ގިނަ ބަޔަކު ސަލާމަތްނުކުރެވި ތިބި ކަމަށާއި، މިއީ ވަގުތާ ކުރެވޭ ހަނގުރާމައެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު ސަލާމަތްކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.

ސަރުކާރުގެ ތަރުޖަމާނު މިނޯރޫ ކިހާރާ މައުލޫމާތު ދެއްވި ގޮތުގައި، ބިންހެލުމުގެ ސަބަބުން 36,900 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، 9,500 ގޭބިސީއަކުން ވަނީ ގޭހުގެ ހިދުމަތް މެދުކެނޑިފައެވެ. މީގެ އިތުރުން މުއާސަލާތީ ހިދުމަތްތަކަށް ވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. މިހާތަނަށް 9,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، 500 އަށްވުރެ ގިނަ ވަގުތީ ހިޔާ ވަނީ ގާއިމުކޮށްފައެވެ.

ޖަޕާނުގެ ގަޑިން އިއްޔެ ހަވީރު 4:27 ގައި އައި މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ތަނަކީ ކަޝީމާ ސިޓީގައި ހުންނަ އިއޯން މޯލްއެވެ. އެ މޯލްގެ ދެވަނަ ބުރި ވެއްޓިފައިވާއިރު، އެތަނުގައި މަސައްކަތްކުރަމުން ދިޔަ ދެ އަންހެނަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން ނިޕޯން ޕޭޕަރ އިންޑަސްޓްރީޒްގެ ފެކްޓްރީއެއްގެ ދުންހޮޅިއެއް ވެއްޓި އެތަނުގައި 11 މީހަކު ތާށިވި ކަމުގެ ރިޕޯޓުތައް ވެސް ވަނީ ލިބިފައެވެ.

މި ބިންހެލުމާ ގުޅިގެން ބްލެޓް ޓްރެއިންގެ ހިދުމަތާއި ބައެއް އެއާޕޯޓްތަކުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައެވެ. ކުމަމޯޓޯ ސަރަހައްދަކީ 2016 ވަނަ އަހަރު ވެސް ބާރުގަދަ ދެ ބިންހެލުމެއް އައިސް 273 މީހުން މަރުވި ސަރަހައްދެއްކަން ފާހަގަކުރެވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450