ޚަބަރު
ސަލްޓަން ޕާކުގައި އީ-ސްޕޯރޓްސް އޭރިއާ ޤާއިމްކުރާނެ ބަޔަކު ހޯދަނީ
ސަލްޓަން ޕާކް---
މާލޭގެ ސަލްޓަން ޕާކުގައި އީ-ސްޕޯރޓްސް އޭރިއާއެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިޢުލާންކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ސަލްޓަން ޕާކުގެ އީ-ސްޕޯރޓްސް އޭރިއާ ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 36,500 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތްތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިންނެވެ. ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.
ސަލްޓަން ޕާކަކީ ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވީ ނަމަވެސް، ފަހަކަށް އައިސް އެތަން ހަލާކުވެ ވީނާރާވަމުން ދިއުމާ ގުޅިގެން ސަރުކާރުން ވަނީ އެތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހު ފަށާފައެވެ. އެގޮތުން، ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ބަންދުކޮށްގެން މަރާމާތު ކުރުމަށްފަހު، މިދިޔަ ފިތުރު ޢީދާ ދިމާކޮށް އެ ސަރަހައްދުތައް ވަނީ އަލުން ހުޅުވާފައެވެ.
މިހާތަނަށް ސަލްޓަން ޕާކުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތަކުގެ އާބާތުރަ ފިލުވުން ހިމެނެއެވެ. މީގެއިތުރުން، ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން އިށީންނާނެ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ މަރާމާތުކުރުމާއި، ގާޑަން އަދި ސީސީޓީވީތައް ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ. ސަލްޓަން ޕާކުގައި އަލަށް ޤާއިމްކުރާ އީ-ސްޕޯރޓްސް އޭރިއާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.